ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ އެ އަރލައިންތަކުގެ ދަތުރުތައްދަނީ ވަގުތީގޮތުން ހުއްޓާލަމުންނެވެ.
އެގޮތުން ދާދިފަހުން ދުނިޔޭގެ މަޝްހޫރު ގިނަ އެއަރލައިންތަކުން ވަނީ ރާއްޖެއަށް ވެސް ދަތުރުތައް ހުއްޓާލާފައެވެ. މީގެ ތެރޭގައި މަޝްހޫރު އެމިރޭޓްސް އެއަރލައިން، އިއްތިހާދު އެއަރލައިން އަދި ސިންގަޕޯރ އެއަރލައިން ފާހަގަކޮށްލެވެއެވެ.
ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު އިޤްތިސާދު ހިއްސާކުރާ އެކި ސިނާޢަތްތަކަށް މީގެ އަސަރު މިދަނީ ކުރަމުންނެވެ. އެގޮތުން ވައިގެ ދަތުރުފަތުރު ނުވަތަ އޭވިއޭޝަން އިންޑަސްޓްރީއަށް ކޯވިޑް-19 ގެ ސަބަބުން ބޮޑެތި ގޮންޖެހުންތަށްދަނީ ކުރިމަތިވަމުންނެވެ.
ކޯވިޑް-19 ފެތުރުނަނުދީ މިބަލިން ރައްކާތެރިވުމަށް ގިނަ ޤައުމުތަކުން މިހާރު ވަނީ ދަތުރުފަތުރުކުރުން އެއްކޮށްހެން ހުއްޓާލާފައެވެ. މިއާއެކު ވައިގެ ދަތުރުފަތުރުގެ ޑިމާންޑު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.
އެއަރލައިންތަކުގެ ފްލައިޓްތައް ކެންސަލްކޮށް، ގްރައުންޑް ކުރަމުންދާއިރު، ބައެއް އެއަރލައިންތައް ދަނީ އެކުންފުނިތައް ބަނގުރޫޓުވަމުންދާތީ ބަންދުވެސް ކުރަމުންނެވެ. އެއަރލައިން ދާއިރާގައި ވަޒީފާއަދާކުރަމުންދާ އެތައް ހާސްބައެއްގެ ވަޒީފާވެސް ދަނީ ގެއްލެމުންނެވެ.
ސިންގަޕޯރ އެއަރލައިނުން ވަނީ އެ އެއަރލައިންގެ %96 މަސައްކަތްތައް ހުއްޓުމަކަށް ގެނެސް މުޅި އެއަރލައިންގެ އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން އެއަރލައިނުން ވަނީ އިތުރު ފްލައިޓްތައް ގެނައުން މަޑު ޖައްސާލާ މުވައްޒަފުންގެ މުސާރަވެސް ކުޑަކުރުމަށް ނިންމާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން އެމިރޭޓްސްއިން ވެސް ވަނީ ފަސިންޖަރުން އަރުވައިގެން ކުރާ ދަތުރުތައް ހުއްޓުމަކަށް ގެނައުމަށް ނިންމާފައެވެ.
އެ ކުންފުނިން މިގޮތަށް ނިންމި ނަމަވެސް އެމިރޭޓްސްގެ ކާގޯ ދަތުރުތައް ކުރިއަށް ގެންދާނެއެވެ. ދަތުރުތައް ހުއްޓާލުމާއެކު ލިބޭ މާލީ ގެއްލުންތައް ކުޑަކުރުމަށް އެކުންފުނިން ވަނީ މުވައްޒަފުންގެ އަސާސީ މުސާރަ %25 އާއި %50 އާއި ހަމައަށް ކުޑަކުރުމަށްވެސް ނިންމާފައެވެ.
އެމިރޭޓްސްއިން އަންނަނީ ރާއްޖެއާއި ދުބާއީއާ ދެމެދު އަދި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ގަވާއިދުން ދަތުރުތައް ކުރަމުންނެވެ. މި ދަތުރުތަކުން ދުނިޔޭގެ 150 އަށް ވުރެ ގިނަ ޤައުމަކާއި ރާއްޖެއާ ގުޅުވައިދެއެވެ.
އެމިރޭޓްސްގެ އިތުރުން އިއްތިހާދު އެއަރވޭސް އާއި ޓާކިޝް އެއަރލައިނުންވެސް ވަނީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ގިނަ އެއަރލައިންތަކުން ދަތުރުތައް މެދުކަނޑާލާފައިވާއިރު މިއަހަރުގެ މެއި މަހާއި ހިސާބަށް ގިނަ އެއަރލައިންތަކެއް ބަނގުރޫޓުވެގެންދާނެ ކަމަށް އޭވިއޭޝަން ދާއިރާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުންވަނީ އެއަރލައިންތަކަށް އެހީތެރިވުމަށް ސަރުކާރުތަކުން ލައިން އޮފް ކްރެޑިޓް ދިނުމާއި، އެއަރލައިންތަކުގެ އިންފްރާސްޓްރަކްޗަރ ކޮސްޓް ދަށްކޮށްދިނުމަށް އެދިފައެވެ.
އަނެއްކޮޅުން އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ ވަޒީފާތައް ގެއްލެމުންދާއިރު، މިކަމަށް އެހީތެރިކަން ބޭނުންވާކަމަށް ލޭބަރ ޔޫނިއަންތަކުންވެސް ދަނީ ބުނަމުންނެވެ.
މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް އެއަރލައިންތަކަށް 113 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.