ޚަބަރު

ކަރަންޓީނުކުރަން ބޭނުންކުރާ ރިސޯޓުތަކުން އެމުއްދަތުގައި ކުލިދައްކާކަށް ނުޖެހޭނެ - މަބްރޫކް


ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ބޭނުންކުރަމުންދަނީ އެ މުއްދަތުގައި، ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދައްކަން ނުޖެހޭ އުސޫލަކުން ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓްތަކާއެކު ސަރުކާރުން ހަދާފައިވާ އެގްރީމަންޓުގައިވާގިތުން ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ 3 މަސްދުވަހަށް ސަރުކާރުގެ ބޭނުމަށް ރިސޯތްތައް ނެގިދާނެކަމަށެވެ. އަދި އެ މުއްދަތު އިތުރު ކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މުއްދަތުގައި ރިސޯޓުތަކުން ކުލި ދައްކަން ނުޖެހުނު ނަމަވެސް ބޭނުންކުރާ ރިސޯޓްތަކުގެ ކޮންމެ ކޮޓަރިއަކަށް ދުވަހަކަށް 750 ރުފިޔާ ސަރުކާރުން އެ ރިސޯޓުތަކަށް ދައްކަމުންދާނެ ކަމަށެވެ. އަދި މި އަދަދު ކަނޑައަޅާފައި މިވަނީ ކަރަންޓީންގައި ނުވަތަ އައިސޮލޭޝަންގައި ތިބޭ މީހުންގެ ކެއުމާއި އެހެނިހެން ޚިދުމަތްތައް ހިމަނައިގެން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ރިސޯޓްތަކުން އޮޕަރޭޝަނަލް ތަކެތި ފޯރުކޮށްދޭން ޖެހޭނެ. ފެން، ކަރަންޓް، ލޯންޑްރީ، ރޫމް ސަރވިސް އަދި ރޫމް ސާފްކުރުމުގެ މަސައްކަތް ރިސޯޓްތަކުން ކުރަންޖެހޭނެ. އަދި ކެއުން ބުއިމުގެ ޚިދުމަތް ދޭން ޖެހޭނެ" މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ރާއްޖޭގެ އެގާރަ ރިސޯޓަކުން 1158 ކޮޓަރި ވަނީ ހަމަޖައްސާފައެވެ. އަދި އެއީ 2288 އެނދުގެ ޖާގަކަން ސަރުކާރުން ވިދާޅުވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ވިލިވަރު
- ހުޅުލޭ އައިލެންޑް ހޮޓެލް
- ވެލިދޫ އައިލެންޑް ރިޒޯޓް
- ފަން އައިލެންޑް ރިޒޯޓް
- މަލަހިނި ކުޑަ ބަނޑޮސް
- ބިޔާދޫ އައިލެންޑް ރިސޯޓް
- ދިއްގިރި ޓޫރިސްޓް ރިޒޯޓް
- ހޮލިޑޭ އައިލެންޑް
- އެނބޫދޫ ވިލެޖް
- ރޯޔަލް އައިލެންޑް
- ވަރު ބައި އެޓްމޮސްފިޔަރ

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރީން ފިޔަވައި ރާއްޖެ އަންނަ ދިވެހިންނާއި، އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ފަރާތްތައް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށެވެ.