ޚަބަރު

ދިޔަ ތަންތަނާއި ބައްދަލުވި މީހުން، ހަނދާން ނައްތާނުލާތި!


ކޯވިޑް-19އާ ގުޅިގެން ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިން މިވަގުތު ކުރަމުންދާ އެންމެ ބޮޑު އިލްތިމާސަކީ ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ މީހުން އަދި ބަލީގެ ނިޝާން ފެންނަ މީހުން ވީހާވެސް އަވަހަށް އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ. މިއީ ބަލި ފެތުރުނަ ނުދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެކެވެ.

ކޯވިޑް-19ގެ ޢަލާމާތްތަކަކީ ޢާއްމު ރޯގާތަކާއި ދާދި އެއްގޮތް އަލާމާތްތަކެކެވެ. ހުން އައުމާއި ރޯގާގެ އަސަރާއި ކެއްސުމަކީ ކޯވިޑް-19ޖެހިފައިވާ މީހުންގެ ގައިންވެސް ފެންނަ އަލާމަތްތަކެވެ. މިއީ ފަސޭހަކަމާއިއެކު ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު، ބަލި ޖެހުނު މީހަކާއި ކޮންޓެކްޓްވި މީހެއްނަމަ މިޢަލާމާތްތަކަށް ޚާއްސަ ސަމާލްކަމެއްދޭންޖެހެއެވެ.

ރާއްޖެއިން ޕޮސިޓިވްވި 13މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ އެފަރާތްތައް އެކަހެރިކޮށް މޮނިޓަރކުރުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަމެއްދޭންވީ ކަމަކީ ތިމާއަކީ ބައްޔަށް ޕޮސިޓިވްވި މީހަކާއި ބައްދަލުވެފައިވާ މީހެއްނަމަ އަމިއްލަ އިސްނެގުމުގައި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ޙިއްސާކުރުމަށްވެެ. މިއީ ސިއްޙީ އެހީތެރިންގެވެސް އިލްތިމާސެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުނަނަށް މަޢުލޫމާތު ދޭން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޑޮކްޓަރުން އެންމެ ބޮޑަށް އިލްތިމާސްކުރަނީ ބައްޔާގުޅޭ އެއްވެސް ކޮންޓެކްޓެއް ނުވަތަ އަލާމާތެއް ހުރިނަމަ އެކަން ނުފޮރުވުމަށެވެ.

ނެޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުންބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮވިޑް 19-ގެ ސިއްޙީ ކަންކަމުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ޑރ.މުޙައްމަދު އިސްމާއިލްވަނީ އައިސޮލޭޝަންގައި ތިބުމަށް އަންގާފައިވަ ފަރާތްތަކުން އައިސޮލޭޝަން ދޫނުކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖެއިން ބަލިޖެހުނު މީހުން ރަނގަޅުވަމުން އައިނަމަވެސް ބައްޔަށް ޕޮސިޓިވްވި މީހުން ކޮންޓެކްޓްވި މީހުންގެ ގައިން ބަލި ފެނުމުގެ ފުރުސަތު އޮވެއެވެ.
މިއިން މީހެއްގެ ގައިން ކިރިއާވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަވެސް ސިއްރުނުކޮށް، ވީހާވެސް އަވަހަށް ސިއްޙީ އެހީ ހޯދުމަށްވަނީ އިލްތިމާސްކޮށްފައެވެ.

"ބަލި މީހެއްގެ ގައިން 2 ނުވަތަ 3 މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވޭ. މިއީ ވީހަވެސް ސޯޝަލް ޑިސްޓެންސް ބޮޑުކުރަންވީ ދުވަސްވަރު. އެންމެން ނެގެޓިވް ވެ ވަކި މުއްދަރެއް ވަންދެން ރިސްކް އެވޭ. އެހެންވީމާ އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެންނަނަމަ ސިއްރު ނުކޮށް އަވަހަށް އެހީ ހޯދަންވީ." ޑޮކްޓަރ މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޑރ.ވިދާޅުވީ ބަލި ފެތުރިއްޖެނަމަ މިއީ ބޮޑު ކާރިސާއަކަށް ވެދާނެކަމެއްކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގްއާއި ގުޅުމެއްހުރި މީހެއް ނަމަވެސް އަވަހަށް އެކަން ސިއްޙީ އެހީތެރިންގެ ސަމާލްކަމަށް ގެނައުމަށްވަނީ އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

"ބައްދަލުވާ މީހުން، ދާ ތަންތަން ހަނދާނުގައި ބަހައްޓަންޖެހޭ. ކޮންޓެކްޓް ޓްރޭސިންގ ހަދާއިރު އެބަ އުންދަގުވޭ މީހާ ދިޔަ ތަންތަނާއި ބައްދަލުވި މީހުން ނޭންގޭތި." ޑރ.ވިދާޅުވިއެވެ.

އެޗްޕީއޭއިން މިހާރުވެސްވަނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތަކާ ގުޅުންހުރި މީހެއް ހުރިނަމަ އެމަޢުލޫމާތު އެޗްޕީއޭއާ ޙިއްސާކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. މިއީ ފަރުދީ ޒިންމާގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.