ޚަބަރު

ޗައިނާއަށް އެތެރެވާ މީހުންގެ ކިބައިން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފި


ބޭރު ޤައުމުތަކުން ޗައިނާއަށް އެތެރެވާ މީހުންގެ ގައިން ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް އެޤައުމުން ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށުނީ ޗައިނާގައެވެ. ނަމަވެސް މިހާރު އެޤައުމުގައި ވައިރަސް ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19ގެ އަސަރު ކޮށްފައިވާ 46 މީހުން ޗައިނާއިން ފެނިފައިވެއެވެ. އެމީހުންގެ ތެރެއިން 45 މީހުންނަކީ ބޭރު ޤައުމުތަކުން އެޤައުމަށް އެތެރެވެފައިވާ މީހުންނެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާއި ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން ޗައިނާއަށް ބޭރު ޤައުމުތަކުން އެތެރެވާ މީހުންގެ ފަރާތުން ވައިރަސް ފެންނަ ނިސްބަތްވަނީ އިތުރުވެފައެވެ. އެޙާލަތު ބަދަލުކުރުމަށް ޗައިނާގެ ސަރުކާރުން ޚާއްޞަ އުޞޫލުތަކެއްވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން ސަރަޙައްދީ ރޮނގުތައް ހުރަސްކުރާ ކޮންމެ މީހެއްގެ ހަށިގަނޑުގެ ހޫނުމިން ކަސްޓަމުން ބަލާނެއެވެ. އަދި ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ތަންތަނާގުޅޭ މަޢުލޫމާތު ދަތުރުވެރިން ދޭންޖެހޭނެއެވެ.

އެފިޔަވަޅުތަކުގެ ސަބަބުން ބޭރު ޤައުމުތަކުން އެތެރެވާ މީހުންގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން ދެނެގަނެވޭނެކަމަށް ޗައިނާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ. އޭގެ އިތުރުން ޗައިނާއަށް އެތެރެވާ ކޮންމެ މީހަކު 14 ދުވަސްވަންދެން ކަރަންޓީނުކުރާނެއެވެ. އެގޮތަށް ކަންތައް ކުރުމުން ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ތިންބައި ކުޅަ ދެބައި މީހުން ހޯދޭނެކަމަށް ޗައިނާއިން ބުނެއެވެ. ފަހު ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ވައިރަސް ޖެހިފައިވާ މީހުން ދެނެގަނެވުމުން ރިޕޯޓުކުރަންވަނީ އިރުޝާދު ދީފައެވެ.

މިތިން ފިޔަވަޅާއެކު ޗައިނާގައި ކޯވިޑް-19 އަލުން ފެތުރެން ފަށާނެކަމަށް ނުބެލެވޭކަމަށް އެސެންޓަރުން ބުނެއެވެ. ވައިރަހުގެ ސަބަބުން ޗައިނާއަށް ކުރިމަތިވި ޙާލަތު މިހާރުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުން މިހާރުދަނީ ވައިރަސް ފެތުރިފައިވާ އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، ވައިރަހާއި ދެކޮޅަށް އެޤައުމުން ކުރި ތަޖުރިބާ އެހެން ޤައުމުތަކުގެ ޞިއްޙީ މާހިރުންނާދަނީ ޙިއްސާކުރަމުންނެވެ. އެގޮތުން ޗައިނާގެ ޑޮކްޓަރުންގެ ޓީމެއްވަނީ ސާބިޔާއަށް ދަތުރުކޮށްފައެވެ. އަދި ފިލިޕިންސަށާއި ގުރީސަށާއި އެފްރިކާގެ ޤައުމުތަކަށް ޞިއްޙީ ސާމާނު ފޮނުވާފައިވެއެވެ. އޭގެ ތެރޭގާއި ގިނަ ޢަދަދެއްގެ މާސްކާއި ތަޚުލީލުކުރަން ބޭނުންކުރާ ސާމާނު ހިމެނެއެވެ.

ޗައިނާގެ ބޮޑެތި ވިޔަފާރިތަކުންވެސްދަނީ އެކި ޤައުމުތަކަށް އެހީތެރިވަމުންނެވެ.