ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓިވި މީހުން ދިރިއުޅޭ 2 އިމާރާތެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާ ކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިދެ ގޭގައި ތިބި މީހުންނަކީ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓް ވި މީހުން ކަމަށްބެލެވޭތީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ނިމެންދެން އެދެ ގެ ހިމެނޭ އިމާރާތްވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔައީ ރީތިރަށް ރިޒޯޓުގައި ކަމަށާއި ނަމަވެސް ރީތި ރަށް ރިޒޯޓު މޮނީޓަރިންގެ ޙާލަތަށް އަދި ލާފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ފެލައިނީއާއި ބައްދަލުވި 2 މީހެއްގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މީގެ ކުރިންވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
މަބްރޫކްވަނީ ފެލައިނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއައިސްފައިވަނީ ޗައިނާއިން ނޫންކަން ކަށަވަރުކޮށްދެއްވާފައެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއިން ފުރާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިހާތަނަށް ބެލިބެލުމުން ފެލައިނީ މިބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބޮޑަށް ލަފާކުރެވެނީ ރާއްޖެ ދޫކޮށްދިޔަފަހުން ކަމަށްވެސް މަބްރޫކްވަނީ ކުރިން ވިދާޅުވެފައެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮޒިޓިވް ފެލައިނީއާ ކޮންޓެކްޓުވި އެއްވެސް ބޭފުޅަކު ހުރިނަމަ އެކަން ލަސްނުކުރައްވައި އެންގެވުމަށް އެޗްޕީއޭއިން ކުރިންވެސްވަނީ އިލްތިމާސްކުރައްވާފައެވެ.