ޚަބަރު

ކާޑުގެ ބާވަތްތައް ރަށްރަށް ގެންދާ މިންވަރު އިތުރުވެއްޖެ


ކޯވިޑް-19އާއި ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށުން ކާޑުގެ ބާވަތްތައް ގެންދާ މިންވަރު ވަނީ އިތުރުވެފައެވެ.

އެހެންނަމަވެސް ރާއްޖޭއަށް ކާބޯތަކެތި އެތެރެކުރާ ވިޔަފާރިވެރިންނާއި ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން އަންނަނީ ގޭބިސީތަކުގައި ކާބޯތަކެތި ގަނެ ގުދަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.


ކޯވިޑް-19ގެ ޙާލަތާއި ގުޅޭގޮތުން ޢާއްމުން ގިނަ ޢަދަދެއްގެ ކާޑު ގަންނަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ކޯވިޑް-19އާއި ގުޅޭގޮތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުޙައްމަދު މަބްރޫކް އަޒީޒްވެސް ވަނީ ވިދާޅުވެފައެވެ. މިކަން އިތުރަށް އެންގިގެންދަނީ ބާޒާރު މަތީގައި ކާޑުގެ ބާވަތްތައް ގަންނަން ދާ މީހުންގެ ޢަދަދު އިތުރުވެ ބާޒާރުމަތީ ތޮއްޖެހިފައިވުމުންނެވެ. ބައެއް ވިޔަފާރިތަކުން ހާމަކުރާ ގޮތުގައި ކާޑުގެ ބާވަތްތައް މިހާރު އެސްޓީއޯއިން ދޫކުރަނީ ވަކި އުސޫލުތަކެއްގެ މަތިންކަމަށެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ އެމަރޖެންސީ ޓާސްކް ފޯސްގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކާޑުގެ ބާވަތްތައް ވިއްކުން ސަރުކާރުން ކޮންޓްރޯލްކޮށްފައި ނުވާ ކަމަށެވެ.

ކޮންމެއަކަސް ރަށްރަށަށް ބޯޓުފަހަރުގައި ގެންދާ ކާޑުގެ ބާވަތްތައް ވަރަށް ބޮޑުތަނުން އިތުރުވެފައި ވާކަމަށް ބައެއް ބޯޓުތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މީގެކުރިން ހަނޑޫ، ހަކުރު އަދި ފުށް، މިއިން ކޮންމެ ބާވަތަކުން 25 ބަސްތާ ގެންދިޔަ ބޯޓުތަކުން މިހާރު ކޮންމެ 2 ހަފްތާއަކުން 50 ބަސްތާ ކޮންމެ ބާވަތަކުން ގެންދަން ފަށާފައިވާކަން ބޯޓުގެ ކެޕްޓަނުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދިނެއެވެ. އަދި ބައެއް ބޯޓުތަކުން ގެންދާ ކާޑު ގެ މިންވަރު ކޯވިޑް-19އާއި ގުޅިގެން މިވީ ދެ ތިން ހަފްތާގެ ތެރޭގައި ހަތަރު ގުނަ ވަނީ އިތުރުވެފައިކަމުގައި އެފަރަާތްތަކުން ފާހަގަކޮށްފައި ވެއެވެ. އަދި މީގެކުރިން ކާޑުގެ ބާވަތް ނުއުފުލާ ބޯޓުތަކުން ވަނީ ފާއިތުވި 2 ހަފްތާގެ ތެރޭގައި ކާޑުގެ ބާވަތްތައް ގެންދަން ފަށާފައިކަންވެސް ފާހަގަކުރެވުނެވެ. ހަމައެއާއެކު ޢާއްމުން ރަށަށް ކާޑުގެ ބާވަތްތައް އޭޖެންޓު މެދުވެރިނުކޮށް ފޮނުވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ބޯޓުތަކަށް ނާލުގެ ގޮތުގައި ލިބޭ މިންވަރު މިދެ ހަފްތާއެއްގެ ތެރޭގައި ބޮޑުތަނުން އިތުރުވެފައިވާކަމަށް ރަށްރަށަށް ކާޑުގެންގޮސްދޭ ފަރާތްތަކުން ބުނެއެވެ. އަދި ކާޑުގެ ބާވަތްތައް ރަށަށް ދިޔުމުގެ ކުރިން އޭޖެންޓު އަތުން ހުސްވެ އަލުން ކާޑުގެ ބަވަތްތައް ބަލާ މާލެއަށް އަންނަޖެހޭކަން ބައެއް ބޯޓުތަކުން ފާހަގަކުރިއެވެ.

"ވަރަށް ބޮޑުތަނުން އިތުރުވެއްޖެ. އަހަރުމެން މިބޯޓުގަ ކުރިން ގެންދިޔަ މިންވަރުގެ 4 ގުނަ މިހާރު ގެންދަން. މިގެ ކުރިން މިހާ ގިނައިން މިބޯޓުގައި ކާޑު ނުގެންދަން. ބޯޓުގެ ކެޕްޓަނަކު ބުންޏެވެ.

މިއީ ޢާއްމު ގޮތެއްގައި ހަތަރު ފަސްރަށަށް ކާޑު ގެންދާ ބައެއް ރަށްރަށުގެ ޙާލަތު ހުރިގޮތެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި ކާޑުގެ ބާވަތްތައް ގަތުމުގައި މާ ބޮޑުތަފާތެއް ނާންނަކަންވެސް ބޯޓުތަކަށް ދިޔުމުންވަނީ އެނގިފައެވެ. އަދި ކުރިއަށް އޮތީ ރޯދަމަސްކަމަށްވުމުން މިއީ ކާބޯތަކެތި ގިނައިން ރަށްރަށަށް ގެންދާނެ ދުވަސްވަރެއްކަންވެސް ބައެއް ބޯޓުތަކުން ފާހަގަކުރެއެވެ.

"މާބޮޑު ބަދަލެއް އަޅުގަނޑުމެނަކަށް ނާދެ. ހަމަކުރިއެކޭވެސް އެއްފަދައިން ރަށަށް ކާޑު މިގެންދަނީ ހަމަ އެވަރަށް." 2 ރަށަކަށް ކާޑުގެ ބާވަތް އުފުލާ ބޯޓުގެ ކެޕްޓަން ބުންޏެވެ.

މުޅި ދުނިޔޭގައި މިހާރު އޮތް ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން ޢާއްމުން އަންނަނީ ގިނަ ޢަދަދެއްގެ ކާޑު ގަނެ ގޭގައި ސްޓޮކްކުރަމުންނެވެ. މިގޮތަށް މިދުވަސްވަރު ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް 3 މަހަށް މުޅި އާބާދީއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެސްޓީއޯގައި ހުރިކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ ގޭބިސީއަކަށްވެސް ބޭނުންވާ މިންވަރަށް މިވަގުތު ކާޑުގެ ބާވަތްތައް ގަތުމަށް އެސްޓީއޯއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ އެންމެން ގުޅިގެން އެކަކު އަނެކެއްގެ ޙާލު ބަލައިގެން އުޅެންވީ ދުވަސްވަރަކަށް ވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ ނަސޭޙަތްތެރިވަމުންނެވެ.