ޚަބަރު

ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވައިފި


ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވައިފިއެވެ.ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުވިގެންދިޔައީ އެކި އުމުރުފުރާތަކުގެ އާންމުންނާއިއެކު މުޅި މުޖުތަމައު ތަމްސީލުވެގެންދާގޮތަށެވެ.މި ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި އަލަށް ގާއިމްކުރެވިގެންދިޔަ ފެންއަރުވާ ވަޑާމް ރަސްމީކޮށް ހުޅުއްވަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޖުމްހޫރީ މައިދާނަކީ ދިވެހިންގެ މިނިވަންކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚީ ބިނާއެއްކަމަށާއި، އެތަން ހަލާކުވިޔަނުދީ ބެލެހެއްޓުމަކީ ހުރިހާ ދިވެހިންގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. އަދި އެތަން ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް އަލުން ހުޅުވިގެންދާއިރު، ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖުމްހޫރީ މައިދާން ރަސްމީކޮށް މިރޭ ހުޅުވިގެންދިޔައިރު، އެތަންވަނީ އަލުން މަރާމާތުކޮށް، ޤައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ ބިނާއަކާއެކު ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ފެންއަރުވާ ވަޑާމަކާއިއެކުގައިކަން ފާހަގަކޮށްލެވެއެވެ. ފެންއަރުވާ ވަޑާން ޑިޒައިންކޮށްފައިވަނީ މިއުޒިކާ އެއްވަރަށް އެކި ކުލަތަކުން ދިއްލޭގޮތަށް، ކުޑަކުދިންނަށާއި، އެކި އުމުރުފުރާގެ މީހުންނަށްވެސް، ފެންއަރުވާ ވަޑާމުގެ ތެރެއަށް ވަދެވޭނެފަދަ ގޮތަކަށެވެ. މީގެއިތުރުން ޖުމްހޫރީ މައިދާނުގެ މެދުގައި ކުރިން ހުރި ވަށްބުރުގެ ބަދަލުގައި، އިތުރު ވޯކްވޭތަކެއް ހަދައި، އެބުރުވެސް ތަރިއެއްގެ ޑިޒައިނަށް ވަނީ ތައްޔާރުކޮށްފައެވެ. ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ހައުސިންގ މިނިސްޓްރީން އިސްނަންގަވައިގެން ނެވެ. އެގޮތުން ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން ތައްޔާރުކޮށްފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. ޖުމްހޫރީ މައިދާން ހުޅުވުމަށް ބޭއްވި މިރަސްމިއްޔާތުގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ދެ ރައީސުންނާއި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނާއި ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.ޖުމްހޫރީ މައިދާން ޒަމާނީ ބަދަލުތަކާއެކު އަލުން ހުޅުވުމަށް މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތު ނިންމާލާފައިވަނީ ހަވާއެރުވުމުގެ ފޯރިގަދަ ހަރަކާތްތަކާއެކުގައިއެވެ.