ޚަބަރު

"ޠޫފާނެއްގެ ތެރޭގައި އަންނަ ހިމޭން ވަގުތުކޮޅެއް؟"


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއިން ކުރަމުންމިދަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެކެވެ. އެމަސައްކަތްތަކުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. އަދި ރާއްޖެއިން މިކަމުގައި އަޅާފައިވާ ފިޔަވަޅުތަކާމެދު ޑަބްލިއުއެޗްއޯއާއި ބައިނަލްއަޤުވާމީ އެހެން ފަރާތްތަކުންވެސް ދަނީ ތަޢުރީފުކުރަމުންނެވެ.

މިހާތަނަށް މިމަސައްކަތުގައި ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމަކީ ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 13 މީހުގެންގެ ތެރެއިން 3 މީހަކު ރަނގަޅުވުމެވެ. އަދި ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ކޯވިޓް-19ގެ އިތުރު ކޭސްއެއް ރާއްޖެއިން ފެނިފައިވާނުވުމަކީ ބޮޑު ހިތްހަމަޖެހުމެވެ.

އެހެންނަމަވެސް މިއީ އަދި އަޅުގަނޑުމެން ހަމަޖެހިލައިގެން އުފާފާޅުކޮށް މަޖާކުރަންވީ ވަގުތެއްނޫނެވެ. ކޯވިޑް-19ގެ ނުރައްކާތެރިކަން ޒައްރެއްގެ މިންވަރަށްވެސް އަދި ކުޑައެއްނުވެއެވެ.

ސިއްޙީ މާހިރުންނާއި ކަމާބެހޭ ފާރާތްތައް ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމުގައި އަދިވެސް ދެމިތިބެން އެބަޖެހެއެވެ. މާތްﷲގެ ހެޔޮ ރަޙުމަތުން މިހާތަނަށް އަދި ދިވެއްސަކަށް މި ނުރައްކާތެރި ބަލީގެ އަސަރެއް ނުކުރިޔަސް ދިވެހިންނަށް ހަމަނޭވާ ލެވޭފަދަ ޙާލަތެއް އަދި ނެތެވެ. ކުރިމަތިވެފައި މިވާ ޞިއްޙީ މުސީނބާތުން އަރައިގަނެވެން އަދި ގާތްވެސްނުވެއެވެ.

މި ދަނޑިވަޅުގައި ދުރާލާ ފިޔަވަޅުތައް އަޅައި ރައްކާތެރިވެވިއްޖެނަމަ ރައްކާތެރިވެވިދާނެއެވެ. މިއަދަކީ އެފިޔަވަޅު އަޅަންވީ ދުވަހެވެ. މާދަމާގެ ސަލާމަތް އޮތީ އޭރުންނެވެ.

މި ކުޑަކުޑަ ޤައުމުގެ އެންމެ މީހެއްގެ ފުރާނަ ގެއްލިގެން ދިޔުމަކީވެސް އަޅުގަނޑުމެންނަށް ތަޙައްމަލުކުރެވޭނެ ކަމެއްނޫނެވެ. މިޤައުމުގެ ހަމަ ކޮންމެ ފަރުދަކީވެސް އަޅުގަނޑުމެންގެތެރެއިން ކޮންމެވެސް އެކެއްގެ ބައްޕައެވެ. ނުވަތަ ލޯބިވާ މަންމައެވެ. ނޫނީ ދަރިއަކަށްވެސް ވެދާނެއެވެ. މިއިން މީހަކަށް މިފަދަގޮތެއް މެދުވެރިވާތަންދެކެން އަޅުގަނޑުމެންގެ އެކަކަށްވެސް ކެތެއްނުވާނެއެވެ. ކޯވިޑް-19އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވީކަމުގެ، އުފާވެރި ޚަބަރަކީ "ތޫފާނެއްގެ" ތެރޭގައި އޮތް ހިމޭން ވަގުތުކޮޅަށް ވެދާނެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ސިފަކުރައްވަނީ އިސްވެ ދެންނެވި ސަބަބުތަކާހެދިއެވެ.

މި ބަލިން ރާއްކާވެތިބުމަށް ސިއްޙީ މާހިރުން ގެންދަވަނީ ކެނޑިނޭޅި އިރުޝާދު ދެއްވަމުންނެވެ. އެބޭފުޅުންގެ އަބަދާއަބަދުގެ އާދޭހަކީ މިޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މިވަގުތު ގޭގައި ތިބުމެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމެވެ.

ރާއްޖެ ލޮކްޑައުންކުރުމަށް ގޯވާލާ ގޮވެލި ސޯޝަލް މީޑިއާގައި ގުގުމައެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އެހެން ގޮވާލާ މީހުން އެމީހުންގެ ޒިންމާއެއްވެސް ވާކަން ޤަބޫލުކުރޭބާއެވެ؟

ގަދަބާރުން ސިފައިން ނުކުމެ ކާފިއު ނުހިންގިޔަސް އަޅުގަނޑުމެން އަޅުގަނޑުމެންގެ ސަލާމަތް ދަންނަންވާނެއެވެ. އަމިއްލައަށް އިސްނަގާށެވެ. ފަރުދީ ޒިންމާ އަދާކުރައްވާށެވެ. ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންގެ އިރުޝާދަށް ކިޔަމަންވާށެވެ. ގޭގައި މަޑުކުރައްވާށެވެ. ރައްކާތެރިވެވޭނެ ގޮތަކީ އެއީއެވެ.