ޚަބަރު

ކޯވިޑް-19 : ބޭކާރުގޮތުގައި މަގުމައްޗަށް ނުނުކުންނާތި


ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ އެންމެ ބޮޑު އެންމެ މުހިންމު ފިޔަވަޅަކީ މީހުން އެއްވެއުޅުން ހުއްޓުވުމެވެ. ޢާއްމުކޮށް މީހުން އެއްވެގެން ހިންގާ ހުރިހާ ޙަރަކާތްތަކެއް ހުއްޓާލުމަށްވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ޕާކުތަކާއި، މައިޒާންތަކާއި ކޭފޭ ރެސްޓޯރަންޓްތަކުގައި ތިބިގެން ޚިދުމަތްދިނުން ވަގުތީގޮތުންވަނީ ހުއްޓާލަށް އަންގާފައެވެ. ކޮވިޑް-19އަކީ ގައިންގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިކަމުން ރައްކާތެރިވުމަށް އެޅެންއޮތް އެންމެ މުހިންމު ފިޔަވަޅަކީ އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 13 ކޭސް ފެނިފައިވެއެވެ. އޭގެތެރެއިން މިހާތަނަށް 3 މީހުންވަނީ ރަނގަޅުވެފައެވެ. ނަމަވެސް މިކަމުގައި ހަމަޖެހިލައިގެން ތިބެވޭކަށް ނެތެވެ. ކޯވިޑް-19އަކީ ޢާއްމު ރޯގާގޮތަށް ފަދައިން ފަސޭހައިން ގަޔަށް ގަޔަށްއަރާ ބައްޔެކެވެ.

ބަލިން ރައްކާތެރިވެވޭނެ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިއްޙީ މާހިރުން ފާހަގަކުރައްވަނީ އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމެވެ. ރައްކާތެރިކަމުގެ އިލްތިމާސްތަކާއެކު ހަލަބޮލި މާލޭގެ މަގުތަކަށް ނިކުމެ އުޅޭ މީހުން މިހާރުވެސް މަދެވެ. މިއީ ބަލިން ރައްކާތެރިވުމަށް އާއްމުން ސަމާލްވަމުން އަންނަކަން ފެންނަ ކަމެކެވެ. ތޮއްޖެހިފައި އޮންނަ ފިހާރަތާއި، ޕާކުތަކާއި މައިޒާންތަކަށް ބަލާލިއަސް މީހުން ބޭރަށް ނުކުމެއުޅުންވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ޚާއްސަކޮށް ތުއްތުކުދިން ގޮވައިގެން ބޭރަށް ދިއުމާއި، ހަވީރު ފިންޏަށް ހިންގާލަންދާ މީހުން ވަރަށްވެސް މަދެވެ.

ނަމަވެސް އަދިވެސް މަގުމައްޗަށް ބަލާލުމުން ފެންނަނީ މި ނުރައްކާތެރިކަމުގެ ޙާލަތުގެ ސީރިއަސްކަން އެންމެރަނގަޅަށް އިޙްސާސްނުކުރެވޭ ބަޔަކު އުޅޭކަމެވެ. ކަމާބެހޭ ފަރާތްތަކުން ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުން އަންނައިރު އަދިވެސް ބޭނުމެއްނެތި މަގުތަކަށް ނުކުމެއުޅޭ މީހުން އެބައުޅެއެވެ.

ޚާއްސަކޮށް ގްރޫޕު އެއްކޮށްގެން ސައިކަލުގައި ފިނިބުރުޖަހަން ނިކުންނަ ޒުވާނުން ފެނެއެވެ. އަދި ގްރޫޕް ހަދަފައި ކަންކަންމަތީގައި ބައެއްމީހުން ކަމެއްނެތި ތިބޭތަން އަދިވެސް ފެނެއެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ޒަރޫރީ ބޭނުމެއް ނެތި ބޭކާރު ގޮތުގައި މަގުމައްޗަށް ނިކުމެ އުޅުން އަދިވެސް ރައްކާތެރިއެއް ނޫންކަމެވެ. މިއީ ބަލި ފެނިއްޖެނަމަ "ކޮމިއުނިޓީ ސްޕްރެޑް" ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިގެން ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމެކެވެ.

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ކޮންމެ ފިޔަވަޅަކީވެސް ކޮންމެހެން ޢަމަލުކުރަންޖެހޭ މުހިންމު ފިޔަވަޅެކެވެ. މިއީ ތިބާއާއި ތިބާގެ އާއިލާއާއި، އަދި މުޅި މުޖުތަމަޢުގެ ރައްކާތެރިކަަމަށް އަލާފައިވާ ފިޔަވަޅުތަކެވެ. މި ދަނޑިވަޅުގައި އެއްވެ އުޅުން ވީހާވެސް މަދުކުރުމަށް ކޮންމެ މީހަކުވެސް ސަމާލުކަންދޭންޖެހެއެވެ.