ވިޔަފާރި

ކޯވިޑް-19: ފޭސްބުކްގެ ކޮންމެ މުވައްޒަފަކަށް 1000 ޑޮލަރުގެ ބޯނަސްއެއް


މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަސް އާއި ގުޅިގެން މާލީގޮތުން ދިމާވާ ދަތިތަކަށް ލުޔެއް ދިނުމަށްޓަކައި، ފޭސްބުކްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 1000 ޑޮލަރުގެ ބޯނަސްއެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މި ބޯނަސް ފޭސްބުކްގައި ކޮންޓްރެކްޓަށް މަސައްކަތްކުރާ މުވައްޒަފުންނަށް ނުލިބޭނެ ކަމަށާއި، ބޯނަސް ލިބޭނީ ހަމައެކަނި ދާއިމީ މުވައްޒަފުންނަށް ކަމަށް ފޭސްބުކުން ހާމަކުރެއެވެ.

މަޤްބޫލް ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 45،000 އަރައެވެ.

ފޭސްބުކްގެ ބައެއް މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، މި އިނާޔަތާއި އެކު ގޭގައި މަސައްކަތްކުރަން ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް އިތުރު ފަސޭހައެއް ވެގެންދާނެ ކަމަށް އެކުންފުނިން ދެކެއެވެ.

މީގެ އިތުރުން އެކުންފުނީގައި ވަޒީފާ އަދާކުރާ ވަގުތަށް މުސާރަ ދޭ ފަރާތްތައް ކަމަށްވާ ފޮޅާ ސާފުކުރާ މީހުންނާއި ކެފޭގައި މަސައްކަތްކުރާ މީހުންނަށްވެސް އާއްމުކޮށް ދެމުންދާ މުސާރަ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޭސްބުކުން ހާމަކުރެއެވެ. ކޯވިޑް-19އާ ގުޅިގެން މި މީހުން ވަޒީފާއަދާ ކުރަންޖެހޭ ގަޑިތައް ވަނީ ކުޑަކޮށްފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގޭގައި މަޑުކުރުމަށް ޤައުމުތަކުން ދަނީ ރައްޔިތުންނަށް އިލްތިމާސްކުރަމުުންނެވެ. މިއާއެކު ބޮޑެތި ކުންފުނިތަކުންވެސް ދަނީ މިކަމަށް ބާރު އެޅުމުގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ފުރުޞަތު މުވައްޒަފުންނަށް ދީ އެގޮތަށް މަސައްކަތްކުރުމަށް މުވައްޒަފުން އަންގަމުންނެވެ.

އެގޮތުން އެންމެ މަޤްބޫލް އެއް ސޯޝަލް މީިޑިއާ ކަމަށްވާ ޓުވިޓަރއިންވެސް ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް އަންގާފައެވެ. އަދި ގޫގްލްއިން ވަނީ އެކުންފުނީގެ ދެކުނު އެމެރިކާ، ޔޫރަޕު، އެފްރިކާ އަދި މެދުއިރުމަތީގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް އަންގާފައެވެ.

ފޭސްބުކާއި އެމޭޒޯން އިން އެކުންފުނީގެ މުވައްޒަފުން ގޭގައި މަސައްކަތްކުރުމަށް މަޖްބޫރުކޮށްފައި ނުވި ނަމަވެސް މިދެކުންފުނިންވެސްް ދަނީ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ބާރު އަޅަމުންނެވެ.