ކޯވިޑް-19އާ ގުޅިގެން ގޭގައި "އިޖުތިމާޢީ ދުމިނެއްގައި" ތިބުމަކީ މިވަގުތު ރައްކާތެރިވުމުގެ އަޅަންޖެހިފައިވާ އެންމެ މުހިންމު ފިޔަވަޅެވެ. މީހުން އެއްވެއުޅޭ ތަނަތަނަށް ނުދިޔުމަށާއި ގޭގައި ތިބުމަށް އެންމެހައި ޤައުމަކުންވެސް އެގައުމެއްގެ ރައްޔިތުންނަށް ގެންދަނީ އިލްތިމާސްކުރަމުންނެވެ.
ރާއްޖޭގެ ގިނަ ބަޔަކީ ޚާއްސަކޮށް މާލެއާއި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަބަޔަކީ ފޫހިފިލުވާ ލުމުގެ ގޮތުން ނުވަތަ ހުސްވަގުތު ފުރާލައި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ރެސްޓޯރެންޓު، ކެފޭފަދަ ތަންތަނުގައި ވަގުތު ހޭދަކުރާ ބައެކެވެ. އަދި ޕާރކްތަކާއި ސިނަމާފަދަތަންތަނަށް އެކުވެރިން ނުވަތަ އާއިލާއާއެކު ގޮސް ވަގުތުހޭދަކުރާ މީހުންވެސް މަދެއް ނޫނެވެ.
އެހެންނަމަވެސް ސުވާލަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުގައި ގެއިން ނުނުކުމެ ގޭގައި ތިބެގެން ފޫހިފިލުވާލަން ކުރެވޭނީ ކޮންކަންތައްތަކެއް ތޯއެވެ.
އެތައްދުވަސް ވަންދެން ކިޔާލަން ބޭނުވެފައި އެހެންނަމަވެސް ވަގުތު ނުލިބިގެން ނުކިޔިއޮތް ފޮތެއް ވާނަމަ ކިޔާލަން މިއީ ރަނގަޅު ވަގުތުކޮޅެވެ. ވާހަކަ ފޮތެއް ނުވަތަ މައުލޫމާތު ފޯރުކޮށްދޭ ފޮތް ކިޔާލުމަކީ ލިބޭ ހުސްވަގުތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމުގެ އިތުރުން ތިމާގެ މައުލޫމާތު މުއްސަދިވާނެ ކަމެކެވެ.
ގިނަ މީހުންނަކީ ނެޓްފްލިކްސް ނުވަތަ ޓީވީއިން ގެނެސްދޭ ފިލްމުތަކާއި ޑްރާމާތައް ބަލާލުމަށް ވަރަށް ޝައުގުވެރިވާ މީހުންނެވެ. އެހެންނަމަވެސް ވަޒީފާގެ ބުރަކަމުން ގިނަފަހަރު ބަލަން ބޭނުންވާ ޑްރާމާވެސް ނުބެލި އޮންނަނީ މަޑުޖެހިފައެވެ. އެހެންކަމުން ގޭގައި ހުންނަ މިދުވަސްކޮޅު ބަލާލަން ބޭނުންވެފައި ހުރި ޑްރާމާ ތަކާއި ފިލްމުތައް ގޭގައި ތިބެގެން ހަމަޖެހިލައިގެން ބަލާލެވޭނެއެވެ.
ގޭގައި ފޫހިފިލުވާލުމުގެ ގޮތުން ކުރެވިދާނެ އެއްކަމަކީ ގޭމުކުޅުމެވެ. މިގޮތުން ގޭގައި އުޅޭ އެހެން މީހުންނާއެކު ބޯޑު ގޭމު ކުޅުމުގެ އިތުރުން ވީޑިއޯގޭމުވެސް ކުޅެވޭނެއެވެ. އަދި މައުލޫމާތު މުއްސަންދި ކުރުމުގެ ގޮތުން ބަސްރޭސް ނުވަތަ ކްރޮސްވޯޑް ފަދަ އަރަތްތަކަކީވެސް ހުސްވަގުތު ތަކުގައި ކުރެވިދާނެ ކަންތައްތަކެވެ.
ޢާއިލާއާއި ރަޙްމަތްތެރިންނާއެކު ކުރެވުނު މަޖާ ދަތުރު ތަކުގައި ނަގާފައި ހުންނަ ފޮޓޯތައް ތަރުތީބުކޮށްލާ އަލްބަމެއް ހަދާލަން މިހުސްވަގުތުގެ ބޭނުން ހިފިދާނެއެވެ. މިގޮތުން އަލްބަމެއް ތައްޔާރުކޮށް ކެމެރާ ނުވަތަ ފޯނުން ނަގާފައިވާ ފޮޓޯތައް ޕްރިންޓުކޮށް އަލްބަމުގައި އަތުރާލުމުން ފަހުންވެސް ބަލާލަން ތިބޭނެއެވެ.
ވަގުތު ނުލިބުމުގެ ސަބަބުން އިންދަން ޖަހާފައިވާ ގަސް މަރުވެގެންދާއިރުވެސް އެގަހަށް އަޅާލާނެ ވަގުތު ގިނަ މީހުންނަށް އޮންނަނީ ނުލިބިފައެވެ. އެހެންކަމުން ގޭގައި ހުންނަ މިދުވަސްވަރަކީ ގަސް އިންދުމަށް ނުވަތަ މިފަދަ ކަމަކަށް ވަގުތުދިނުމަށް ލިބޭ ފުރުސަތެއްގެގޮތުގައި ބަލަމާ ހިނގާށެވެ.
ގޭގައި ތިބެންޖެހިފައިވާ މިދަނޑިވަޅުގައި ފޫހި ފިލުވާލުމުގެ ގޮތުން ބްލޮގެއް ނުވަތަ ޔޫޓީއުބް ޗެނަލެއް ހަދާލެވިދާނެވެ. މިގޮތުން ގޭގައި ކުރާ މަޖާ ކަންތައްތައް ނުވަތަ ކޮންމެވެސް މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ބްލޮގް ނުވަތަ ޔޫޓިއުބް ޗެނަލް ހިންގުމަކީ ރަނގަޅު ކަމެކެވެ.
މިދުވަސްވަރު ބޭރުން ކާބޯތަކެތި ގަތުމުގެ ބަދަލުގައި ގޭގައި ތިބެގެން ކޮންމެވެސް މީރު ކާއެއްޗެއް ތައްޔާރުކޮށްލެވި ދާނެއެވެ. މިގޮތުން ޔޫޓިއުބް، ޕިންޓްރެސްޓް ނުވަތަ ކާތަކެތި ތައްޔާރުކުރާ ގޮތް ކިޔާދީފައި ހުންނަ އެކި އެކި ބްލޮގްތައް ބަލައި އަމިއްލައަށް ގޭގައި މީރު ކާއެއްޗެއް ކޮންމެ ދުވަހަކުވެސް ތައްޔާރު ކޮށްލެވިދާނެއެވެ. އަދި އޭގެ ފޮޓޯ އެހެންމީހުންނާ ޝެއަރކޮށްލެވިދާނެއެވެ.
މިދަނޑިވަޅަކީ ގޭތެރެ ތަރުތީބުކުރުމުގެ އިތުރުން ގޭގައި ހުންނަ ގިނަގުނަ އެހެން ކަންތައްވެސް ކޮށްލަން ލިބޭ ފުރުސަތަކެވެ. މިގޮތުން އަލަމާރިތެރެ ސާފުކޮށް ކުރީގެ ހެދުންތައް އުކާލައި އަލަމާރިތެރޭގައިހުންނަ ހެދުންތަކާއި އެހެނިހެން ސާމާނުތައް ތަރުތީބުކުރެވިދާނެއެވެ.
ގޭގައި ތިބޭ ހުސްވަގުތުތަކުގައި އާކަންތައްތައް ވެސް ދަސްކުރެވިދާނެއެވެ. މިގޮތުން ފަހަން ދަސްކޮށް އަމިއްލައަށް ހެދުންފަދަ ތަކެތި ތައްޔާރު ކޮށްލެވިދާނެއެވެ. ނުވަތަ ކަވި އަތްތެރި މަސައްކަތެއް ދަސްކޮށްލެވިދާނެއެވެ. ޔޫޓިއުބާއި އިންޓަނެޓުގެ އެހެން ސައިޓުތަކުން އެހީ ހޯދިނާއެވެ.
ކޯވިޑް-19އާ ގުޅިގެން ޖިމްތައް ބަންދުކޮށް ފާރކްތަކަށް ދިއުން މަނާކުރިކަމުގައިވިއަސް ގޭގައިވެސް ކަސްރަތުކުރެވޭނެއެވެ. ހަމައެހެންމެ ކަސްރަތުކުރަން ވަގުތު ނުލިބިފައި ތިބޭ ފަރާތްތަކަށް ވެސް މިއީ ރަނގަޅު ފުރުސަތެކެވެ.
މިދުވަސް ކޮޅު ދަތުރު ފަތުރު ނުކުރެވުނު ކަމުގައި ވިއަސް، ހާލަތު ރަނގަޅުވުމުން ދާންބޭނުންވާ ތަންތަނުގެ ލިސްޓެއް ހަދާލެވިދާނެއެވެ. އެގޮތުން ޕިންޓްރެސްޓް ބަލައި ދާހިތްވާ ތަންތަނާއި ރަހަ ބަލާލަންބޭނުންވާ މީރު ކާތަކެތީގެ ލިސްޓެއް ތައްޔާރުކޮށްލެވި ދާނެއެވެ.
ގޭގައި ހުރެގެން ވެސް މިހާރު އާ ބަހެއް ދަސްކުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން އޮންލައިންކޮށް އެކި ވަސީލަތްތައް ބޭނުންކޮށްގެން ގޭގައިހުރެގެން އާ ބަހެއް ދަސްކުރެވޭނެއެވެ. އެހެންކަމުން މިހާލަތު ބަދަލުވުމުން ދަތުރުކުރުމަށް ކަނޑައަޅާފައިވާ ޤައުމަށް ދިއުމުގެ ކުރިން އެޤައުމުގެ މީހުން ވާހަކަ ދައްކާބަސް ކޮންމެވެސް ވަރަކަށް ދަސްކޮށްލެވިދާނެއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ މިބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ގިނަމީހުން ގެއިން ނުނިކުމެ ގޭގައި ތިބޭއިރު ދުރުގައިއުޅޭ ޢާއިލާ މީހުންގެ ޙާލުބަލާލަން ގުޅާލެވޭނެއެވެ. ޚާއްސަގޮތެއްގައި ދުރުގައިއުޅޭ މާމަ އަދި ކާފަމެންނަށް ގުޅައި ހާލު ރަނގަޅުތޯ ބަލައި ހަދާލުމަކީ މިފަދަ ޙާލަތެއްގައި ރަނގަޅުކަމެކެވެ.