ވިޔަފާރި

ހުޅުމާލޭގެ ފިހާރަތަކުން ރައްޔިތުންނަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް އެޗްޑީސީން އެދިއްޖެ


ހުޅުމާލޭގެ ފިހާރަތަކުން ރައްޔިތުންނަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެދިއްޖެއެވެ.

ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ބަލިން ރައްކާތެރިވެ ތިބުމަށް އިޖުތިމާޢީ ގައިދުރުކަމާއި ސާފުތާހިރުކަން އިސްކުރަންޖެހޭތީ މިކަން ހާސިލުކުރުމަށް، އޮންލައިން މެދުވެރިކޮށް ނުވަތަ ފޯނުން ގުޅައިގެން ފިހާރަތަކުން ޚިދުމަތް ހޯދުމަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ސަރަޙައްދުގައި ޤާއިމްކުރެވިފައިވާ ފިހާރަތަކާއި އެ ފިހާރަތަކަށް ގުޅޭނެ ނަންބަރާއި ޚިދުމަތުގެ މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އަދި މި ފިހާރަތަކުން ރައްޔިތުންނަށް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުންނެވެ. އެގޮތުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ބަސް ސްޓޮޕްތަކާއި ފްލެޓްތައް ހިމެނޭ ސަރަޙައްދުތަކާއި، ސިޑި އަދި ރެއިލިންގ ފަދަ ތަންތަން ޤަވާއިދުން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މީގެ އިތުރުން ހުޅުމާލެ ބީޗް ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވެސް ޤަވާޢިދުން ކުރަމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ.