މިހާރު ދުނިޔޭގައި ހަލވިކަމާއި އެކު ފެތެރެމުންދާ ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީން މިބަލީގެ އެއްވެސް މީހަކު ނުފެންނަތާ ހަތަރު ދުވަސްވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ހޫބޭ ސިޓީގައި މި ބަލި ހަލުވިކަމާއި އެކު ފެތެރެން ފެށީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. އަދި މި ރޯގާ އެންމެ ހަލުވިކަމާއި އެކު ފެތެރެމުންދިޔަ ދުވަސްވަރު ވޫހާން ސިޓީން ދުވާލަކު 14000 ވުރެ ގިނަ މީހުން ގައިން މި ބަލީގެ ވައިރަސް ފެންނަމުން ދިޔައެވެ.
ޗައިނާގެ ނޫސްތައް ބުނާގޮތުން ވޫހާން ސިޓީން މިބަލީގެ އެއްވެސް މީހަކު ނުފެންނަތާ މިހާރު މިވަނީ ހަތަރު ދުވަސް ވެފައެވެ. އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި ބައްޔަށް ފަރުވާ ހޯދަމުންދިޔަ 5 މީހަކު ވަނީ މަރުވެފައެވެ. އަދި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ 490 މީހަކު އިއްޔެ ވަނީ ދޫކޮށްލާފައެވެ.
ޗައިނާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުުންގެ ޖުމްލަ އަދަދު މި ވަނީ 81,054 އަރާފައެވެ. މީގެތެރެއިން 67،800 މީހުންނަކީ ވޫހާން ސިޓީން މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މި ބަލީގައި ޗައިނާއިން މިހާތަނަށް 3,261 މީހުން މަރުވެފައިވެއެވެ. މީގެތެރެއިން 3،144 މީހުންނަކީ ވޫހާން ސިޓީއަށް ނިސްބަތްވާ މީހުންނެވެ.
ޗައިނާގައި ހަލުވިކަމާއި އެކު ފެތެރެމުންދިޔަ ކޯވިޑް-19 މިހާރު ވަނީ އެޤައުމުގައި ކޮންޓްރޯލް ކުރެވިފައެވެ. ދުވާލަކަށް މި ބަލީގެ ފެންނަ ކޭސްތައްވަނީ އެތައް ގުނައަކުން މަދުކުރެވި މިދިތަ 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން މި ބަލި ފެނިފައިވަނީ 46 މީހުންގެ ގައިންނެވެ.
ޗައިނާ އިން މި ބަލި ކޮންޓްރޯލްކުރުމަށް މުޅި ޤަައުމު ލޮކްޑައުން ކުރި ކުރުން 40 ވުރެ ގިނަދުވަހަށް ދެމިގެންދިޔުމަށްފަހު މިހާރު ވަނީ ބައެއް ތަންތަން ހުޅުވަން ފަށާފައެވެ.