ޚަބަރު

ކޯވިޑް-19 : ފާއިތުވި ދެދުވަހު ރާއްޖެއިން ބޭރުގައިތިބި 300އަށްވުރެ ގިނަ ދިވެހިން ރާއްޖެއަށް އައިސްފައިވޭ


ދުނިޔޭގައި ހަލުވިކަމާއިކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައިތިބި ދިވެހިންގެ ތެރެއިން 300އަށްވުރެ ގިނަ މީހުން ފާއިތުވި ދެދުވަހު ރާއްޖެ އައިސްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި އަންނަ މީހުން ފިޔަވައި ރާއްޖެ އެތެރެވާ ކޮންމެ މީހަކުވެސް 14 ދުވަހަށް ކަރަންޓިން ކުރެވޭނެކަމަށެވެ.

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ރާއްޖެއަށް އަންނަމުންދާ ދިވެހިންވެސް މި އުސޫލުގެ ދަށުން ކަރަންޓީން ކުރެވެމުންދާކަމަށެވެ. މަބުރޫކް ވިދާޅުވީ އިއްޔެއާއި މިއަދު ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 320 ދިވެހިން ރާއްޖެއަށް އައިސްފައިވާކަމަށެވެ.

ރާއްޖެއަށް މި ދެދުވަހު އެތެރެވެފައިވާ މީހުންގެ ތަފްސީލް ހާމަކޮށްދެއްވަމުން މަބުރޫކް ވިދާޅުވީ ފަތުރުވެރިންގެ ގޮތުގައި އެތެރެވެފައިވަނީ 528 މީހެއްކަމަށެވެ. އެމްޕްލޯއީސް ވިސާގައި 71 މީހަކު އެތެރެވެފައިވާކަމަށެވެ.

އައިސޮލޭޝަންގައާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިމީހުން

  • ވިލިވަރު - 28 މީހުން
  • ހުޅުމާލެ ކަރަންޓީން ފެސިލިޓީ، އެޗްއައިއެޗް - 128 މީހުން
  • ޑީއެޗް 11 - 3 މީހުން
  • ވެލިދޫ - 16 މީހުން
  • ފަން އައިލެންޑް - 64 މީހުން
  • ބިޔާދޫ -47
  • ކުޑަބަނޑޮސް - 32 މީހުން

މިބައްދަލުވުމުގައި މަބުރޫކްވަނީ ކޯވިޑް-19 އަށް ޚާއްސަކޮށްގެން ސަރުކާރުން ހުޅުވާފައިވާ ކްލިނިކްތަކުގެ ޚިދުމަތް ހޯދާފައިވާ މީހުންގެ އެންމެފަހުގެ އަޕްޑޭޓެއްވެސް ދެއްވާފައެވެ.

  • ސެނެހިޔާގެ ފުލޫކްލިނިކަށް ދައްކާފައިވަނީ 1164 މީހުން
  • ޓްރެވަލް ކްލިނިކަށް ދައްކާފައިވަނީ 325 މީހުން
  • ހުޅުމާލޭގައި ބިދޭސީންނަށް ޚާއްސަ ކޮށްފައިވާ ކްލިނިކަށް ދައްކާފައިވަނީ 125 މީހުން

މަބުރޫކް ވިދާޅުވީ ޞިއްޚީ ކުއްލި މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެވުމަށް ގޮވާލައްވާފައެވެ. އަދި މިދަނޑިވަޅުގައި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވިނަމަވެސް ކެތްތެރިކަމާއިއެކު މިކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް މަބުރޫކުވަނީ ގޮވާލައްވާފައެވެ.