ޚަބަރު

ކޯވިޑް-19: ސަފާރީއަކުން ކޯވިޑަށް ޝައްކުކުރެވޭ ބިދޭސީއަކު ޓެސްޓުކުރަނީ


މިމަހުގެ 17ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި "އެލިއޯން" ކިޔާ އުޅަދަކުން ކޯވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން މިމީހާގެ ޓެސްޓުކުރަމުންދާއިރު ޓެސްޓުގެ ނަތީޖާ ލިބެންދެން އެއުޅަނދު ވަނީ މޮނިޓަރިންގ ހާލަތަކަށް ގެނެވިފައިކަމަށެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 19ވަނަ ދުވަހުން ފެށިގެން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެހެން ޤައުމަކުން ފުރާ، ޔޮޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖެއައުމާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުކުރުން މަނާކޮށްފައެވެ.

އަދި މިއެންގުމާއި ޚިލާފްވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުމަށް ކަމާއިބެހޭ ފަރާތްތަކަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއްވެސް ރިސޯޓަކުން ފަތުރުވެރިން ރަށްރަށަށް ދިއުމާއި، އެއްވެސް ރަށަކާއި ރިސޯޓަކާއި ދޭތެރޭ ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.