ސިއްހަތު

ސީއެންބިއުލާންސް ނުފޮނުވިވާ 2 އަތޮޅަށް އަންނަމަހު ފޮނުވަނީ


ސީ އެންބިއުލާންސްގެ ޚިދުމަތް އަންނަމަހުގެ ކުރީކޮޅު ހުރިހާ އަތޮޅެއްގައި ދެވޭވަރުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ ސީ އެމްބިއުލާންސްތައް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައިކަމަށެވެ."ކުރީގެ ލޯންޗްތަކުގައި މަސައްކަތް ކުރެއްވި މުއައްޒަފުންނަށް ތަންކޮޅެއް ދަތިވޭ ޕެރަމެޑިކަލް ޓްރެއިނިންގ މީގެ ތެރެއަށް ވަންނާތީ. މިއާއެކީ އެހެނިހެން ފަސްޓްއެއިޑް ޓްރެއިންގ ހަދާތީއާއެކު މުއައްޒަފުންނަށް ދަތިވޭ. އެމްއެންޑީއެފްގެ އުސޫލާ އެއްގޮތަށް ކަނޑުމަތީގައި ދަތުރުކުރުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރުމާއެކު މުވައްޒަފުން ނެގުމުގައި ކޮންމެވެސް ވަރެއްގެ ޑިލޭއެއް އައިސްގެން އުޅެނީ" ގާސިމް ވިދާޅުވިއެވެ.މީގެ އިތުރުން ގާސިމް ވިދާޅުވީ އެއްގަމުގައި ދުއްވާ އެމްބިއުލާންސްގެ ތެރެއިން 53 އެމްބިއުލާންސް ހޯދުމަށްޓަކައި އެސް.ޓި.އޯއާ މިހާރު ހަވާލު ކޮށްފައިވާކަމަށާއި، އެސް.ޓީއޯއާއި ހަވާލު ކުރި އެމްބިއުލާންސްގެ ތެރެއިން މާލެ ގެނައި ޕެރަމެޑިކަލް ތިން އެމްބިއުލާންސް ތިން އަތޮޅަކަށް މިހާރު ފޮނުވާފައިވާނެކަމަށެވެ. ޕެރަމެޑިކަލް އެމްބިއުލާންސް ފޮނުވާފައިވާ 3 އަތޮޅަކީ އައްޑު ސިޓީއާއި، ފުވައްމުލަކުގެ އިތުރުން ލ. އަތޮޅެވެ.މިއަންނަ ހަފްތާގައި 2 ޕެރަމެޑިކަލް އެމްބިއުލާންސް މާލެއަށް އަންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން ދިހަވަރަކަށް އެމްބިއުލާންސް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ޤާސިމްގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ. މިއަހަރު ނިމުމުގެކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ބޭނުން ހިފޭވަރުގެ ވެހިކަލްއެއް އޮންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.