ކޯވިޑް-19ގެ ސަބަބަން މުޅި ރާއްޖޭގައިވެސް މިވަނީ ކަންބޮޑުވެ ހާސްކަމެއްގެތެރޭގައެވެ. މިބަލިން މުޅި ޤައުމު ސަލާމަތްކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް މަސައްކަތްކުރަމުން އަންނަ މިދަނޑިވަޅުގައިވެސް ބައެއް މީހުންގެ ފަރާތްތަކުން ފެންނަނީ ވަރަށް ނާތަހުޒީބު ޢަމަލުތަކެވެ. މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތައް އިސްލާހުކޮށް ޤައުމީ ރޫޙެއްގައި ތެދުވަންވީވަގުތެވެ.
ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން އަންނައިރު ބައެއް މީހުންގެ ޢަމަލުތައް ހުރީ ޤަބޫލުކުރަން ދަތި ހިސާބެއްގައެވެ. އެންމެންގެ ސަލާމަތަކަށް ގޭގައި ކަރަންޓީންވެ ހުރުމަށް އަންގާ އެންގުންތަކާއިވެސް ބައެއް މީހުން އަންނަނީ ޚިލާފުވަމުންނެވެ. ޢާއްމުން މަގުތަކަށް ނުކުމެ ނޫޅުމަށް އެންގުމާއި ގުޅިގެން މަގުތައް ހަމަހިމޭންވުމާއެކު ފޭރުމާއި ވައްކަމުގެ ބައެއް މައްސަލަތައް މަދުންނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ. އަދި ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި އެތަންތަނުން ޚިދުމަތްހޯދާ މީހުންނާއި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައްވެސް އަންނަނީ ވަގަށް ނަގަމުންނެވެ.
އެގޮތުން އޭޑީކޭ ހޮސްޕިޓަލުންވަނި އެހޮސްޕިޓަލުގެ އޯޕީޑީ ސަރަޙައްދުގައި ހަރުކޮށްފައިވާ ސެނިޓައިޒާ ފުޅިއެއް މީހަކު ވަގަށް ގެންދާތަން ފެންނަ ވީޑިއޯއެއް އެހޮސްޕިޓަލުން ވަނީ ޢާއްމުކޮށްފައެވެ. އަދި މިދުވަސްކޮޅު ހޮސްޕިޓަލުން ގިނަ ޢަދަދެއްގެ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާފައިވާކަން ވަނީ ހާމަކޮށްފައެވެ. ހޮސްޕިޓަލުގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާއަކީ އެންމެން ބޭނުންކުރުމަށް ހަރުކޮށްފައި ހުންނަ ތަކެތިކަން ފާހަގަކުރައްވައި އެހޮސްޕިޓަލުން ވަނީ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި ވަރަށް ނާތަހުޒީބު ޢަމަލުތަކެކެވެ. މިފަދަ ތަކެތި މިދުވަސްވަރު ލިބެން ހުރީ ކޮންމެހެން މިދަނޑިވަޅުގައި ހުންނަންޖެހޭ ތަންތަނުގައި އެކަންޏެވެ. ސަބަބަކީ މުޅި ދުނިޔޭގައިވެސް ސެނިޓައިޒާ އަދި މާސްކު ފަދަ ތަކެއްޗަށް އޮތް ޑިމާންޑު ބޮޑުވުމާއި ގުޅިގެން ސަރުކާރުން މިތަކެތި މިވަގުތު ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ކޮންމެހެން އެތަކެތި ހުންނަން ޖެހޭ ތަންތަނުގައި ބެހެއްޓުމަށް އެކަންޏެެވެ. އަދި ބަލި ރާއްޖޭގައި ފެތުރޭ ގޮތަކަށްބަލައި މިފަދަ ވަޞީލަތްތައް ޢާއްމުނަށް ލިބޭނެ ގޮތް ހަމަޖައްސާނެކަމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.
އެހެންކަމުން މިފަދަ ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހެއެވެ. މީގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ހޮސްޕިޓަލަކަށް ނޫނެވެ. މިއީ އެންމެންގެ ރައްކަލަކަށް ބެހެއްޓޭ ތަކެއްޗާވާއިރު މިތަކެތި ވަގަށް ނެގުމުން އެއަރައިގަނެވެނީ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ހުރިހާ އެންމެންގެ ޙައްގަކަށެވެ. އެހެންކަމުން މިފަދަ ނާޒުކު ވަގުތެއްގައި މިފަދަ އެންމެހާ ޒިންމާދާރުކަން ކުޑަ ޢަމަލުތަކަކުން އެންމެންވެސް ދުރުވާންޖެހެއެވެ.