ޚަބަރު

ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެލައްކަ ޑޮލަރު ހުށަހަޅައިފި


ކޯވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތައް ބައިވެރިވެގެން އުފައްދާ ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖެއިން 200،000 ޑޮލަރު ހުށަހަޅައިފިއެވެ.

މި ފަންޑަށް ރާއްޖޭގެ އިތުރުން ނޭޕާލުން ވަނީ 835,657 ޑޮލަރު ހުށަހަޅާފައެވެ. އަދި ބޫޓާނުން ވަނީ 100,000 ޑޮލަރު ހުށަހަޅާފައެވެ.

މި އިމަރޖެންސީ ރިލީފް ފަންޑު އުފެއްދުމަށް އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅާފައެވެ. މި ފަންޑު އުފެއްދުމުގެ މަސައްކަތް ފަށާފައި މިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ކޯވިޑް-19 އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސަށްފަހުގައެވެ.

ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި މޯދީ ވަނީ ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑު ހުޅުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން އިޢުލާނު ކުރައްވާފައެވެ. އަދި މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ކޯވިޑް-19 އާ ކުރިމަތިލުމުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެންކަން ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ސާރކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.