ސިއްހަތު

ނިއުމޯނިއާގެ އަސަރު ފެނިފައިވާ ދެމީހަކު މާސްއަށް ޓެސްޓްކުރަނީ


އުމުރާއިން އައި މީހުންގެ ތެރެއިން މިހާތަނަށް ދެމީހެއްގެ ގައިން ނިއުމޯނިޔާގެ އަސަރުފެނިފައިވާތީ މާސްކޮރާނާއަށް ޓެސްޓް ކުރުމަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ތަސްލީމާ އުސްމާން ވިދާޅުވީ މާސްއަށް ޓެސްޓް ކުރުމަށް ސާމްޕަލް ބެންކޮކަށް މިހާރު ފޮނުވާފައިވާކަމަށެވެ. ނިއުމޯނިޔާގެ އަސަރު ފެނިފައިވާ ދެމީހުންވެސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި ފަރުވާދެމުންދާކަމަށާއި މިދެމީހުންގެ ޙާލުވެސް ރަނގަޅުކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އުމުރާގެ އަޅުކަމަށްފަހު އެނބުރި އައި މީހުންގެ ތެރެއިން ގާތްގަނޑަކަށް 200އެއްހާމީހުން އައި.ޖީ.އެމް.އެޗާއި ހުޅުމާލޭގައި ހުރި ފްލޫ ކުލިނިކްތަކުން ޚިދުމަތް ހޯދާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވޭ. އުމްރާއަށް ދިޔަ ފަރާތްތަކަށް ބަލިން ރައްކާތެރިވުމުގެ މަޢުލޫމާތު ދެވި، އަދި އުމްރާއިން އެނބުރި އައުމަށްފަހު އަލާމަތެއްފެނިއްޖެނަމަ އަމަލުކުރާނެގޮތުގެ އިރުޝާދުތައްވެސް ދަނީ ދެމުންނެވެ. އަދި ބަލި ފެތުރުން ކުޑަ ކުރުމުގެ ގޮތުން ހޮސްޕިޓަލްތަކުގައި"އިންފެކްޝަން ކޮންޓްރޯލް" ކުރުމުގެ މަސައްކަތް ހަރުދަނާ ކުރެވިފައި ވާކަމަށް އެ އެޖެންސީން ބުނެފައިވޭ. 

ބައްޔަށް ފަރުވާ ކުރެވޭނެ ޕްރޮޓޮކޯލްސްތައް ރޭވި، ހޮސްޕިޓަލްތަކުގެ ތައްޔާރީތައް ވެސް ހަރުދަނާކުރެވިފައިވާކަމަށް އެޗް.ޕީއޭއިން ބުނެފައިވެއެވެ. އުމްރާ ދަތުރަށްފަހުގައި  14 ދުވަހުގެ ތެރޭގައި ހުން  އައިސް ކެއްސާ އަދި ނޭވާލުމަށް އުނދަގޫވާ ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ، ފުލޫކުލިނިކުތަކަށް ވަޑައިގެން ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް އާއްމުންނަށް އެއޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.