ޚަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި، ނަރުހުންގެ އާދޭސް: ގޭގައި މަޑުކޮށްލަދީ


ކޯވިޑް-19 ރައްކާތެރިވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކޮށްދެއްވުމަށް އަޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންވެސް އެދިވަޑައިގެންފިއެވެ.

ކޯވިޑް-19އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެބޮޑު ޤުރުބާނީއެއްވަމުންދަނީ ޑޮކްޓަރުންނާއި، ނަރުހުންނެވެ. ކޯވިޑް-19އިން ސަލާމާތްވުމަށްޓަކައި ރާއްޖެއިންވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގައިކުރެވޭ މިމަސައްކަތުގައިވެސް އެންމެބޮޑު ގުރުބާނީއެއް ވަމުންދަނީ ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނެވެ.

ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ކޯވިޑް-19 ސަލާމާތްވުމަށް އެއްދުވަހުން އަނެއްދުވަހަށް ކުރެވިދާނެ ކަންތައްތަކާއި، ބައްޔަށް ޝައްކުރެވޭ މީހުންނާއި، މިހާރުވެސް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ފަރުވާ ދުވަހުން ދުވަހަށް ދެމުންދަނީ މި ޚިދުމަތްތެރިންނެވެ. އަމިއްލަ ފުރާނަޔަށްވުރެ އަނެކާގެ ފުރާނަޔަށް އިސްކަމެއްދީގެން ޑޮކްޓަރުންނާއި ނަރުހުން ކުރަމުންދާ މަސައްކަތައް އަޅުގަނޑުމެންނަށް ކޮށްދެވެންއޮތް ހަމައެކަނި ކަމަކީ އެބޭފުޅުންގެ ދެއްވާ އިރުޝާދުތަކަށް އިޖާބަދީ އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމެވެ.

މިބަލީގެ ނުރައްކާ އޮތް މިންވަރުން ބަލިން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި ނަރުހުން އާދޭހާއިއެކު ދަންނަވަމުންވަނީ ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކޮށްދެއްވުމަށެވެ. ގެއިން ނުނިކުންނެވުމަށެވެ. މިކަމަކީ ފުލުހުންނާއި ސިފައިން ނެރެގެން ރައްޔިތުންނަށް ބޮޑެތި އަދަބުތައްދީ ގަދަބާރުން ކަންކަން ކުރުމަށްވުރެ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތެވެ.

އައިޖީމް ހޮސްޕިޓަލަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ އެންމެބޮޑު ހޮސްޕިޓަލެވެ. ހޮސްޕިޓަލުގައި ރުއާއި ދުވާލު ޚިދުމަތް ދެއްވަމުންދާ ޑޮކްޓަރުންނާއި، ނަރުހުންނާއި ޚިދުމަތްތެރިންގެ އާދޭހަކީވެސް މިވަގުތު ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކޮށްދިނުމެވެ.