ޚަބަރު

"ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބުރިޖު"ގެ ސަރވޭގެ ސަރވޭ ބޯޓު ބަނދަރުކޮށްފި


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި، ގުޅުވާލާ ބްރިޖުގެ ސަރވޭގެ މަސައްކަތްކުރާ ބޯޓު ރާއްޖެ އައިސްފިއެވެ.

މިބޯޓާއެކު މި ބުރިޖުގެ ސަރވޭގެ މަސައްކަތްކުރުމަށް ބޭނުންވާ ޕްލެޓުފޯމާއި އެމަސައްކަތަށް ބޭނުންވާ ބޮޑެތި އުޅަނދުތައްވަނީ ގެނެފައެވެ. ބްރިޖު ހެދުމަށްޓަކައި އެއްގަމާއި ކަނޑުގެ ޖިއޯފިޒިކަލް ސަރވޭ ކުރުމަށް ކަނޑު އަޑިއާއި އެއްގަމުން ބޯހޯލް ތޮރުފައިގެން ސަރވޭކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވއެވެ. އެގޮތުން އެއްގަމާ ކަނޑުން 28 ސަރަހައްދެއްގައި ބޯހޯލް ތޮރުފައިގެން ދިރާސާކުރުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ ސަރވޭގެ މަސައްކަތް ނެދަރލޭންޑްސްގެ ފުގްރޯ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ.

މިއީ 6.7 ކިލޯމީޓަރުގެ ބްރިޖެކެވެ. މި ބްރިޖު ހަދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. މިބުރިޖުގެ މަސައްކަތްތަކަށް 450އާއި 600 މިލިއަނާއި ދެމެދުގެ ރުފިޔާ ޚަރަދުވާނެކަމަށްވަނީ ލަފާކޮށްފައެވެ.