ކޯވިޑް- 19 އެންމެ ފުރަތަމަ ފެނުނު ޤައުމު ޗައިނާއަށްވުރެ މި ބަލީގައި އިޓަލީން މަރުވި މީހުންގެ އަދަދު މައްޗަށް އަރައިފިއެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ފުރަތަމަ ކޭސް އިޓަލީން ފެނިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ. އެއަށްފަހު އެ ޤައުމުގައި މި ބަލި ހަލިވިކަމާއި އެކު ފެތުރިގެންދިޔައީ މި މަހުގެ ތެރޭގައެވެ.
އިޓަލީން މި ބަލި މިހާތަނަށް 41 ހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 3405 އަރާފައެވެ. މިދިޔަ 24 ގައިރުގެ ތެރޭގައިވެސް އިޓަލީން މި ބަލީގެ 5300 ވުރެ ގިނަ މީހުން ފެނިފައިވެއެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 427 މީހުންވަނީ މަރުވެފައެވެ.
މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު މި ބަލީގައި އެ ޤައުމުން މިހާތަނަށް މަރުވެފައިވަނީ 3245 މީހުންނެވެ. ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ބަލި އެ ޤައުމުގައި ހަލިވިކަމާއި އެކު ޖެނުއަރީ މަހުން ފެށިގެން ފެތެރެން ފެށުމަށްފަހު މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. ޗައިނާއިން މި ބަލި ހަލުވި ކަމާއި އެކު ފެތުރުނު އިރު ދުވާލަކު 14000 މީހުންގެ ގައިން މި ވައިރަސް ފެނުނު ނަމަވެސް މި ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޗައިނާއި މިބަލީގެ ވައިރަސް ފެނުނު މީހުންގެ އަދަދު ވަނީ 34 ތިރިވެފައެވެ.
ޗައިނާ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 80,928 އެވެ. އޭގެތެރެއިން 70,420 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް-19 ހަލުވިކަމާއި އެކު ދުނިޔޭގެ ފެތުރެމުން އަންނައިރު 177 ޤައުމަކުން މި ބަލީގެ މީހުންވަނީ ފެނިފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 239,896 އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު މިވަނީ 9,953 މައްޗަށް އަރާފައެވެ.
މި ބަލި ކޮންޓްރޯލްކުރުމަށް ޤައުމުތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅާ ކަނޑާ ވައިގެ ބޯޑަރުތައް ބަންދުކުރަމުންނެވެ.