ޚަބަރު

މިއަދު މުހިންމީ ވަރުގަދަ ފިޔަވަޅުތަކާއެކު ކޯވިޑް-19 ހުއްޓުވުން - މިނިސްޓަރ ޢަލީ ވަޙީދު


މިވަގުތު އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކީ، ވަރުގަދަ ފިޔަވަޅުތަކާއެކު ކޯވިޑް-19 އިން ރާއްޖެ ސަލާމަތްކުރުމަށް ކަމަށާއި، އޭގެ ފަހުން ރާއްޖޭގެ ޓޫރިސްޓް އެނދުތައް ފުރާލަދެއްވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫ.އެން.ޑަބް.ލިއު.ޓީ.އޯގެ ފަރާތުން އިންތިޒާމުކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވަރޗުއަލް މީޓިންގ" ގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސައުތު އޭޝިޔާ ރީޖަން ކޮމިޝަންގެ ޗެއަރގެ ޙައިޞިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ޓެލެކޮންފަރެންސް މެދުވެރިކޮށެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަޙީދު ވަނީ ކޯވިޑް-19 އިން ސަލާމަތްވުމަށް ޕޮޒިޓިވް ވިސްނުމެއް ގެންގުޅެންޖެހޭކަމަށާއި، މިކަމުން ސަލާމަތްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އެއްވެސް މުޖުތަމަޢަކަށް މިބަލި ނުޖެހޭނެކަމަށް ނުވަތަ ބަލީގެ ސަބަބުން އަސަރު ނުކުރާނެކަމަށް
ދެކިގެން ނުވާނެކަމަށާއި، އެންމެރަނގަޅީ މިކަމަށް ތައްޔާރުވުންކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއިން މިބައްޔާ ކުރިމަތިލައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީތެރިކަމާއެކު މިކަމުން އަރައިގަނެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށާއި، ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުންދާކަމަށާއި، މިބައިނަލްއަޤްވާމީ ކާރިޘާއިން ސަލާމަތްވުމަށް އަމިއްލަ ވިޔަފާރިތަކާއި އިންޓަރނޭޝަނަލް ކޮމިޔުނިޓީ އަދި އެކުވެރި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖެއިން ދާދި އަވަހަށް މިކަމުން އަރައިގަނެ، ދުރުނޫން ކުރިމަގެއްގައި ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޔޫ،އެން.ޑަބްލިއު،ޓީ.އޯގެ ސެކެޓްރީ ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލި، ޑަބްލިއު.އެޗް.އޯގެ
ޑިރެކްޓަރ، އައި.އެމް.އޯގެ ސެކްރެޓަރީ ޖެނެރަލް ކީތަކް ލިމް، އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް ފޭންގ ލިއު، އެން.ޑަބް.ލިއު.ޓީ.އޯގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ޚާއްޞަ އިންޓަރވެންޝަންގެ ދަށުން ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރ ރޭސް މަރޮޓޯ އާއި ސަޢުދީ ޢަރަބިޔާގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު ބިން އާޤިލް އަލް ޚަތީބް ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި "ކްރައިސިސް ކޮމިޓީ" އެއް އެކުލަވާލުމާއި، ކުރު
އަދި ދިގު ރާސްތާގެ ރެސްކިއު ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.