އޭޑީކޭ އެހޮސްޕިޓަލުން ހަދާ ލެބޯރެޓަރީ ޓެސްޓްތަކުގެ ރިޕޯޓުތަކާއި އެމްއާރްއައި އާއި ސީޓީ ސްކޭންތަކުގެ ރިޕޯޓް އެމީހެއްގެ ފޯނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އަފްއާލް ވިދާޅުވީ މިގޮތަށް ނިންމީ މިދުވަސްވަރު ހޮސްޕިޓަލަށް މީހުން ދާ ނިސްބަތް މަދުކުރުމުގެ މަގުސަދުގައިކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެނޭޖިންގ ޑިރެކްޓަރ އަފްއާލް ވިދާޅުވީ އޭޑީކޭއިން ހަދާ ލެބޯރެޓަރީ ޓެސްޓްތަކުގެ ރިޕޯޓާއި އެމްއާރްއައި އާއި ސީޓީ ސްކޭންގެ ރިޕޯޓްތަކުގެ ތެރެއިން ވަގުތުން ނަތީޖާ ނުލިބޭ ރިޕޯޓުތައް މިއަދުން ފެށިގެން އެމީހެއްގެ ފޯނަށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަފްއާލް ވިދާޅުވީ މިޚިދުމަތް ހޯދާ ފަރާތްތަކުން ރިޕޯޓުތައް ބޭނުންވަނީ ސޯޝަލް މީޑިއާގެ ކޮން ވަޞީލަތެއް މެދުވެރިކޮށްތޯ ބެލުމަށްފަހު އެމީހެއްގެ ފޯނަށް ލިންކެއް އަންނާނެކަމަށެވެ. އަދި އެމީހެއްގެ ފޯނަށް ޕާސްވޯޑު ވަކިން އެސްއެމްއެސް މެދުވެރިކޮށް ދާނެކަމަށެވެ. މިފަދަ ވަޞީލަތްތައް ބޭނުންކުރާއިރު މީހުންގެ ސިއްޙީ އަދި ޒާތީ ސިއްރު ރައްކާތެރިކުރުމަށްޓަކައި ހޮސްޕިޓަލުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އަފްއާލްވިދާޅުވިއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހޮސްޕިޓަލަށް މީހުން އައުން ވީހާވެސް ބޮޑަށް މަދުކުރުމަށް އޭޑީކޭއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުމާ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ޚާއްސަކޮށްގެން އޮންލައިން ފްލޫ ކްލިނިކް ޚިދުމަތް ދޭން އެހޮސްޕިޓަލުންވަނީ ފަށާފައެވެ.
މިހާރު މަސައްކަތްކުރަމުން އަންނަނީ އިތުރު އޮންލައިން ސްޕެޝަލިސްޓް ކްލިނިކެއްގެ ޚިދުމަތް ފެށުމަށްކަމަށް އަފްއާލް ވިދާޅުވިއެވެ. މިޚިދުމަތަކީ ޢުމުރުން ދުވަސްވީ މީހުންނާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުން ހޮސްޕިޓަލަށް ދިއުން ވީހާވެސް ބޮޑަށް މަދުކުރުމަށްޓަކައި ފަށާ ޚިދުމަތެއްކަމަށް އަފްއާލް ވިދާޅުވިއެވެ. މިއީވެސް އޮންލައިންކޮށް ވީޑިއޯ އާއި އޯޑިއޯކޮށް ކުރިއަށްގެންދާ ކޮންސަލްޓޭޝަނެއްކަމަށް އަފްއާލް ވިދާޅިވިއެވެ. އަދި މިޚިދުމަތަށް ކޮންސަލްޓޭޝަން ފީއެއް ނަގާނެކަން ފާހަގަކުރައްވާ އަފްއާލް ވިދާޅުވީ މިޚިދުމަތް އާސަންދައިން ކަވަރކުރާނެކަމަށެވެ.
އޮންލައިން ފްލޫ ކްލިނިކްގެ ޚިދުމަތާއި ބެހޭގޮތުން އަފްއާލް ވިދާޅުވީ ދުވާލަކަށް ސަތޭކައަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެމުން އަންނައިރުވެސް ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ހުމާ ރޯގާގެ އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލަށް އަންނަމުން ދާކަން އަފްއާލް ފާހަގަކުރެއްވިއެވެ. އަދި މދުވަސްވަރު ހޮސްޕިޓަލަށް ނުގޮސް އޮންލައިން ފްލޫ ކްލިނިކް ނުވަތަ ފްލޫއަށް ޚާއްސަކޮށްގެން ޤާއިމުކޮށްފައިވާ ކްލިނިކްތަކަށް ދިޔުމަށް އަފްއާލްވަނީ އިލްތިމާސްކުރައްވާފައެވެ.