ދުނިޔޭގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިސާދު ހީނަރުވެ، 25 މިލިއަން ވަޒީފާ ނެތިދާނެ ކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން އައިއެލްއޯއިން ބުނެފިއެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ހުރިހާ ސިނާއަތްތަކަކަށް ދަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންނެވެ.
ދުނިޔޭގެ އިޤްތިސާދު ދިރާސާކުރާ ޤައުމުތަކުންދަނީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިޤްތިސާދުތަކަށް ބޮޑު ލޮޅުމެއް އަންނާނެކަމަށާއި، މިއީ ހުރިހާ ސިނާއަތަކަށް އަސަރުކުރާނެ ކަމެއްކަމަށް ބުނަމުންނެވެ.
މިވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިސާދުތައް ދަށަށް ގޮސް، ދުނިޔޭގެ 25 މިލިއަނަށްވުރެ ގިނަ ވަޒީފާ ނެތިގެންދާނެކަމުގެ އިންޒާރު އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައި.އެލް.އޯއިން މިވަނީ ދީފައެވެ. އައި.އެލް.އޯއިން ހާމަކުރާގޮތުގައި ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ޤައުމުތައް އިޤްތިސާދީ އިޖްތިމާއީ ބޮޑު އަނދަވަޅަކަށް ވެއްޓޭނެކަމަށެވެ.
2008 ވަނަ އަހަރު ދުނިޔެއިން ކުރިމަތިލި ގްލޯބަލް ރިސެޝަން ނުވަތަ ބައިނަލްއަޤްވާމީ އިޤްތިސާދީ ހީނަރުކަމުގެ ހާލަތުން އަރައިގަތުމަށް އެޅި ފިޔަވަޅުތައްފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ކޯވިޑް-19ގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރުވެސް ކުޑަކުރެވޭނެކަމަށް އައި.އެލް.އޯއިން ބުނެއެވެ.
އައި.އެލް.އޯއިން ވަނީ މިދަނޑިވަޅުގައި ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ކޯޑިނޭޓްކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފިނަމަ، އެކި ސިނާއަތްތަކަށް ކުރާ އަސަރާއި، ގިނަ ބައެއްގެ ވަޒީފާތައް ރައްކާތެރިކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކުރެވޭނެކަމަށް ބުނެފައެވެ. އެގޮތުން ވަޒީފާދޭ ފަރާތްތަކަށް އެކި ގޮތްގޮތުން ބާރުއަޅާ އެހީތެރިވެގެން، މުވައްޒަފުންނަށް މުސާރަލިބޭ ގޮތަށް ޗުއްޓީ ދިނުމާއި، ވަޒީފާ ކަށަވަރުކުރުމަށް ބާރުއެޅުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދީ، ޓެކްސްތައް ލުއިކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް އެހީތެރިވުމަށް ވަޒީފާ ދޭ ފަރާތްތަކަށް ބާރު އެޅުމަށް އައި.އެލް.އޯ.އިންވަނީ ޤައުމުތަކަށް ގޮވާލާފައެވެ.
އައި.އެލް.އޯއިން ހާމަކޮށްފައިވާގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މަދުވެގެން 24.7 މިލިއަން މީހުން އަދި ގިނަވެގެން 5.3 މިލިއަން މީހުންގެ ވަޒިފާ ގެއްލޭނެކަމަށެވެ. 2008 ވަނަ އަހަރުގެ ގްލޯބަލް ރިސެޝަންގެ ތެރެއިން ދުނިޔޭގެ ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 22 މިލިއަނަށް އަރާފައެވެ.
އައި.އެލް.އޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މިހާރު މިދާގޮތުން ކޯވިޑް-19ގެ މައްސަލައަކީ ސިއްހީ، އިޖްތިމާއީ، އިޤްތިޞާދީ ގޮތުން އާންމު ރައްޔިތުންނަށް ހުރިހާ ގޮތަކުން ކުރިމަތިވެފައިވާ ކާރިސާއެއްކަމަށެވެ. އަދި 2008 ވަނަ އަހަރުގެ އިޤްތިސާދީ މަޑުޖެހުމުގެ ދަނޑިވަޅުގައި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރޝިޕްތަކުން ދެއްކި މިސާލު މިދަނޑިވަޅުގައި ދައްކައިފިނަމަ މިމައްސަލަ ހައްލުކުރެވިދާނެކަމަށެވެ.
ޑިސެމްބަރު މަހުގެ ފަހު ކޮޅު ޗައިނާގެ ވޫހާން އިން ފެތުރެން ފެށި ކޯވިޑް-19 އަކީ ފަސޭހައިން ފެތުރޭ، ބައެއް ހާލަތްތަކުގައި ނުރައްކާތެރި ބައްޔަކަށް މިވަނީ ވެފައެވެ. ވައިރަސް ފެތުރޭލެއް އަވަސްކަމާއި، މީގެ ނުރައްކާތެރިކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ މިއީ ޕެންޑަމިކް ނުވަތަ ދުނިޔެއަށް އޭގެ ނުރައްކާ އޮތް ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ކޯވިޑް 19 ދުނިޔޭގެ 170 އަށް ވުރެ ގިނަ ޤައުމަށް މިހާރުވަނީ ފެތުރިފައެވެ. އަދި 200 ހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ މިވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދުވެސް ވަނީ 8 ހާހަށްވުރެ ގިނަ މައްޗަށްއަރާފައެވެ.