ޚަބަރު

ކުރިމިނަލް ކޯޓާއި ޕީޖީ އޮފީސް އޯޑިއޯ ވީޑިއޯ ލިންކަކުން ގުޅާލައިފި


ކްރިމިނަލް ކޯޓްގެ އަޑުއެހުންތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ވަކާލާތު ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ޖިނާއީ މައްސަލައެއްގައި ބަންދާމެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަކާލާތު ކުރައްވާފައިވައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިއީ ރާއްޖެއަށް މިއަދު ދިމާވެފައިވާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެއޮފީހުން އަޅާފައިވާ ފިޔަވަޅެއްކަމަށެވެ. އަދި މުސްތަގުބަލުގައިވެސް މި އޯޑިއޯ ވީޑިއޯ ލިންކު މެދުވެރިކޮށް ބައެއް މައްސަލަތަކުގައި ވަކާލާތުކުރަމުންދާނެކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

މިކަމުގެ ސަބަބުން މަސައްކަތަށްވެސް އަދި ޚަރަދަށްވެސް ލުއިތަކެއް އަންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. ކޯވިޑް-19 އާއި ގުޅިގެން ކޯޓްތަކުންވެސް ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ސްޕްރީމްކޯޓުން އެކޯޓްގެ ހުރިހާ އަޑުއެހުންތަކެއް މިމަހުގެ 26 ނިޔަލަށް ކެންސަލް ކުރައްވާއިރު، ހުކުމްތަކާ ގުޅިގެންނާއި ކޯޓުތަކުން ދޭ ޚިދުމަތްތަކަށް ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ހަމަޖައްސަވާފައެވެ.