ވިޔަފާރި

ކޮވިޑް-19: ބަންދުގައި ބީއެމްއެލްގެ ޚިދުމަތް 3 ދުވަހު ދޭނެ


ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކު އޮފް މޯލްޑިވްސްގެ ޚިދުމަތް ދޭ ތަންތަން ހުޅުވާނެ ދުވަސްތަކާއި ގަނޑި އާންމުކޮށްފިއެވެ.

އެގޮތުން މި ބަންދު ދުވަސްތަކުގައި ބީއެމްއެލްއިން ޚިދުމަތް ދޭނީ މިއަދާއި އަންނަ ހަފުތާގެ ހޯމަ (23 މާޗު) އަދި ބުރާސްފަތި (26 މާޗު) ދުވަހު ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މި ތިން ދުވަހު ވެސް ޚިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ދުވަސްތަކުގައި ބޭކިންގެ ޚިދުމަތްތައް މެއިން ބްރާންޗާއި ބީއެމްއެލް އިސްލާމިކް ބްރާންޗާއި ވިލިމާލެ ބްރާންޗާއި އެއާޕޯޓު ބްރާންޗާއި ހުޅުމާލެ ބްރާންޗާއި ކަސްޓަމާ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ބްރާންޗްތަކާއި އައުޓްލެޓްތަކުން ވެސް ދޭނެ ކަމަށް ބޭންކުން ކޮށްފައިވާ އިއުލާންގައި ވެއެވެ.

އަދި މިދުވަސްތަކުގެ ހިދުމަތްދޭ ގަނޑިތަކުގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޗެކް ޑިޕޮސިޓް ކުރުމާއި އިންޓަނޭޝަނަލް ޓްރާންސްފާތަކާއި ލޯކަލް ބޭންކްތަކަށް ޓްރާންސްފާ ކުރުމާއި ޕޭރޯލް ރިކުއެސްޓްތަކާއި ކާޑުގެ ޚިދުމަތްތައް ވެސް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. މީގެއިތުރުން އޭޓީއެމް މެދުވެރިކޮށްދޭ ހުރިހާ ޚިދުމަތެއްވެސް ސަރުކާރު އާދައިގެ މަތިން ހުރިހާ ވަގުތެގައިވެސް ލިބެމުންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ސަރުކާރު ބަންދުގައި ބޭންކުތައް ހުޅުވާފައި ހުންނަ ދުވަސްތައް، އެމްއެމްއޭއިން ވަނީ އިއްޔެ ކަނޑައަޅައި އިއުލާނުކޮށްފައެވެ.