ވިޔަފާރި

ކޯވިޑް-19 : އެއާލައިންތައް ބަނގުރޫޓުވަމުންދާތީ ސަރުކާރުތަކުން އެހީވުމަށް ގޮވާލައިފި


ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެއަރލައިންތަކުގެ ދަތުރުތަށް ހުއްޓާލަމުންދާތީ މޭމަހުގެ ނިޔަލަށް ގިނަ އެއަރލައިންތަކެއް ބަނގުރޫޓުވާނެކަމަށް ދުނިޔޭގެ އޭވިއޭޝަންދާއިރާގެ ކަމަބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކޮވިޑް-19ގެ ސަބަބުން އޭވިއޭޝަން، ޓުއަރިޒަމް، މެނިއުފެކްޗަރިން، ޝިޕިން، އިންޕޯޓް އެކްސްޕޯޓް އަދި އެހެނިހެން ދާއިރާތަކުގެ ވިޔަފާރިއަށް ހީނަރުކަން އައިސްފައިވާއިރު، މުޅި ދުނިޔެ ދަނީ އިޤްތިސާދީ ވަރަށްބޮޑު ދަތިކަމަކާއި ކުރިމަތިލަމުންނެވެ.

އޭވިއޭޝަން ދައިރާއަށް ކޮވިޑް-19ގެ ސަބަބުން މިހާރު ދަނީ ބޮޑު ގެއްލުންތަކެއް ލިބެމުންނެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ފުރަތަމަ އަޅަން ފެށި ފިޔަވަޅުތަކަކީ ދަތުރުފަތުރު މަދުކުރަން އާންމުންނަށް އެންގުމެވެ. ދެން ފެނިގެން ދިޔައީ މިވައިރަހުން ރައްކާތެރިވުމަށް ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރި މަންޒަރެވެ.

ދަތުރުފަތުރު ކުރުން މަޑުޖައްސާލުމާއި ގުޅިގެން ވައިގެ ދަތުރުފަތުރުގެ ޑިމާންޑު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އެއަރލައިންތަކުގެ ފްލައިޓްތަށް ކެންސަލްކޮށް، ގްރައުންޑް ކުރަމުންދާއިރު، ބައެއް އެއަރލައިންތަށް ދަނީ އެކުންފުނިތަށް ބަނގުރޫޓުވަމުންދާތީ ބަންދުވެސް ކުރަމުންނެވެ. އެއަރލައިން ދާއިރާގައި ވަޒިފާއަދާކުރަމުންދާ އެތައް ހާސްބައެއްގެ ވަޒީފާދަނީ ގެއްލެމުންނެވެ. މިހާރު އޮތް ހާލަތުގައި އެއަރލައިންތަށް ސަލާމަތްކުރުމަށް ސަރުކާރު ތަކުގެ އެހީތެރިކަން ވަނީ ބޭނުންވެފައެވެ.

ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި އެއަރލައިންތަށް ހިންގާ ވަން ވޯލްޑް، ސްކައިޓީމް އަދި ސްޓާ އެލަޔަންސް އިން ދަނީ ސަރުކާރުތަކަށް އެއަރލައިންތަށް ސަލާމަތްކުރުމަށް ބޭލްއައުޓް ނުވަތަ ފައިސާގެ އެހީތެރިކަމުގެ ޕެކޭޖްތަށް ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ. މިތިން ކުންފުންޔަކީ ދުނިޔޭގެ އެންމެ ބޮޑު 58 އެއަރލައިން ތަމްސީލްކުރާ ކުންފުނިތަކެކެވެ. ވަކިވަކި އެއަރލައިންތަކުންވެސް ދަނީ މިފަދަ އެހީތެރިކަމަށް އެދެމުންނެވެ.

އޭވިއޭޝަން ދާއިރާގެ ކަމާބެހޭ އޭޖެންސީ އަދި އެސޯސިއޭޝަންތަކުން ބުނާގޮތުގައި މިހާރުގެ ހާލަތު ބަދަލު ނުވާނަމަ މިއަންނަ މޭ މަހުގެ ފަހުކޮޅުގެ ނިޔަލަށް ގިނަ އެއަރލައިންތަކެއް ބަނގުރޫޓުވާނެކަމަށެވެ. އެފަރާތްތަކުން ބުނަމުންދަނީ ވަގުތުން ވަގުތަށް ސަރުކާރުތަކުން އެއަރލައިންތަކަށް އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ އެއަރލައިންތަށް ބަނގުރޫޓުވާނެކަމަށެވެ.

އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަންއިން ވަނީ އެއަރލައިންތަކަށް އެހީތެރިވުމަށް ސަރުކާތުތަކުން ލައިން އޮފް ކްރެޑިޓް ދިނުމާއި، އެއަރލައިންތަކުގެ އިންފްރާސްޓްރަކްޗަރ ކޮސްޓް ދަށްކޮށްދިނުމާއި ޓެކްސްތަށް ލުއިކޮށްދިނުމަށް އެދިފައެވެ.
އަނެއްކޮޅުން އޭވިއޭޝަން ދާއިރާގެ މީހުންގެ ވަޒީފާތަށް ގެއްލެމުންދާއިރު، މިކަމަށް އެހީތެރިކަން ބޭނުންވާކަމަށް ލޭބަރ ޔޫނިއަންތަކުން ދަނީ ބުނަމުންނެވެ.

މަދުވުވަސްކޮޅެއްގެ ތެރޭގައިވެސް އެއަރލައިންތަކަށް 113 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނުކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަންއިން މިމަހުގެ ކުރީކޮޅު ވަނީ ބުނެފައެވެ.