ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްސީ، އިން ދޫކޮށްފައިވާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުން ހަމަސްދުވަހަށް ފަސްކޮށްދޭން ނިންމައިފި އެވެ.
އެސްޑީއެފްސީންވެސް މިކަން ހާމަކޮށްފައި ވާއިރު، ރާއްޖޭގެ އެކި ދާއިރާތަކަށް ކޮވިޑް-19 އާއި ގުޅިގެން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އިދާރާތަކާއި މުއައްސަސާތަކުން ގިނަ ކަންތައްތަކެއް ކުރަމުންދާކަމުގައި ނޭޝަނަލް ޓާސްކް ފޯސްގެ ތަރުޖަމާނު މުހައްމަދު އަބްދު އަޒީޒް ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އެސްޑީއެފްސީގެ ފަރާތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަށް ދެއްކުން ހަމަސް ދުވަހަށް މެދުކަނޑާލައި އެލޯނުތަކުގެ އިންޓަރެސްޓްވެސް ހަމަސް ފަހުން ދައްކަން ފަށާގޮތަށް ހަމަޖައްސާފައި ވާކަމުގައި މަބުރޫކު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަމަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސަންޓަށް ކުޑަކުރެވޭނެ ކަމަށާއި އަދި އަލަށް ދޫކުރަ ލޯންތަށްވެސް ދެއްކުމުގެ މުއްދަތު ހަމަސްދުވަސް ފަސްކޮށްދީފައި ވާކަމުގައި އޭނާ ވިދާޅުވިއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު މާޗުމަހު ސަރުކާރުން ހުޅުވާފައިވާ ބޭންކެވެ.
މިބޭންކު މެދުވެރިކޮށް ކުދި ވިޔަފާރިއާއި މެދު ފަންތީގެ 440 ވިޔަފާރިއަކަށް 543 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެސްއެމްއީ ބޭންކެއް ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެސްޑީއެފްސީން ދަނީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ.
އެސްޑީއެފްސީން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޚާއްސަކޮށްފައެވެ.