ޚަބަރު

ޑޮކްޓަރުންނަށްޓަކައި ގޭގައި މަޑުކޮށްދީ


ކޯވިޑް-19އިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ރެއާއިދުވާލު މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ އެންމެބޮޑު އާދޭހަކީ މިދުވަސްކޮޅު ގެއިން ނުނިކުމެ ގޭގައި މަޑުކުރުމެވެ.

ކޯވިޑް-19 ފެތުރެމުންދާގޮތާއި، ފެތުރޭ ނިސްބަތަށްބަލާއިރު މިކަމުގެ ނުރައްކާތެރިކަން އެންމެބޮޑަށް ވަޒަންކުރެވޭނެ އެއްބަޔަކީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޚީ މާހިރުންނެވެ. ބަލީގެ ސިދާ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވެއެވެ. ނިސްބަތުން ކިތަންމެބޮޑު ޤައުމެއްކަމަށްވިޔަސް، އަދި ކިތަންމެ ކުޑަޤައުމެއް ވިޔަސް މިބަލީގައި ދެވެން އޮތީ އެއްފަރުވާތަކެކެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދުރާލައި ތައްޔާވަމުންދިޔަ ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. ބަލި ރާއްޖެއިން ފެނުމާއިއެކު ކަމާއިބެހޭ ފަރާތްތަކުން ރައްކާތެރިވުމަށް އަޅަމުންދިޔަ ފިޔަވަޅުތައް އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާކޮށް ދިޔައީ ވަރުގަދަ ކުރަމުންނެވެ. ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެޅުމުގައި އިޤްތިޞާދީގޮތުން ރާއްޖެ ބޮޑު އަދަވަޅަކަށް ވެއްޓޭފަދަ ބޮޑެތި ނިންމުނަތަކެއްވެސް ވަނީ ނިންމަވާފައެވެ.

ޤައުމުގެ އިޤްތިޞާދަށް މިދަނޑިވަޅުގައި ކުރިމަތިވާނެ ގޮންޖެހުން ހުއްޓަސް، ސަރުކާރުންވެސް އިސްކަންދީފައިމިވަނީ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. މިދަނޑިވަޅުގައި ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކުން ރެއާދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ކުރައްވަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖައެއް ލިބޭނީ ރައްޔިތުން ދެއްވާ އެއްބާރުލުމުންނެވެ.

މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތްތެރިކަން އިސްކޮށް ކުރިއަށް އޮތް 10 ވަރަކަށް ދުވަހަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައި ނިންމުމާއިއެކުވެސް ޑޮކްޓަރުންނާއި، ކަމާއިބެހޭ ފަރާތްތަކުން ދަނީ ޚާއްސަ އިލްތިމާސްތަކެއް ކުރަމުންނެވެ.

"އަޅުގަނޑުމެން މިދަނީ ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރަމުން. އަޅުގަނޑުމެންނަށްޓަކައި ގޭގައި މަޑުކޮށްލަދެއްވާ. މިކަމަކީ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއިއެކު ހުއްޓުވެން އޮތްކަމެއް. އިރާދަކުރެއްވިއްޔަ އެންމެން އެކީގައި އެންއަމާޒަކަށް މަސައްކަތްކޮށްފިނަމަ މިއީ ނުކުރެވޭނެ ކަމެނޫން." ޑރ.މުރާދު ވިދާޅުވިއެވެ.

ކޯވިޑް 19 ގެ ނުރައްކާތެރިކަމާއި މިކަމުން ރައްކާތެރިވުމަށް ޤައުމުތަކުން އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ޤައުމުތަކުގެ މިއަދުގެ ޙާލަތު ސޯޝަލް މީޑިޔާއިން ކޮންމެ ދުވަހަކު ދަނީ ފެންނަމުންނެވެ. މަގުމަތިތައް ފަޅުވެ، މީހުން އެއްވެ ގިނަ އަދަދަކަށް ޖަމާވަމުންދިޔަ ތަންތަން ފަޅުވެފައިވާ މަންޒަރު މިފޮޓޯތަކުން ދަނީ ފެންނަމުންނެވެ.

މިޙާލަތު މިއަދު ރާއްޖޭގައިވެސް އޮތްއިރު ކަމާއިބެހޭ ފަރާތްތަކުން ރައްޔިތުން ގޭގައި ތިއްބެވުމަށް ދެއްވާ އިރުޝާދުތަކައް ޚާއްސަ ސަމާލުކަން ދެއްވުމަށް ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް މިކަމަށް އިޖާބަނުދީ ވަކިން ޚާއްސަކޮށް ވެރިކަންކުރާ މާލެސިޓީގެ މަގުތަކުން އަދިވެސް މީހުން މަދުނުވާކަމީ ކަންބޮޑުވާކަމެއްކަމަށް މުރާދުވިދާޅުވިއެވެ. އަދި މިކަމުގައި ކޮންމެ ރައްޔިތަކުވެސް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ގޭގައި މަޑުކޮށްދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި އިލްތިމާސްކުރައްވަމުންނެވެ.