ޚަބަރު

ކޯވިޑް-19 : ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް ޓީމެއް ރާއްޖެ ގެނެސްފި


ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިޓީމުގައި ހިމެނެނީ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، ކޯރޑިނޭޓަރަކާއި، 2 ނަރުހުންނާއި ޓެކްނީޝަނެއްކަމަށެވެ.

މިގޮތުން މިޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ޑޮކްޓަރުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދެއްވުމުގައި މަސައްކަތް ކުަރައްވާނެއެވެ.

އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދިނުމަށް މި ފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރަކު މަސައްކަތް ކުރައްވާއިރު، ކ. ވިލިވަރުގައި ޤާއިމުކުރެވިފައިވާ އަދި އއ. ވެލިދޫގައި ޤާއިމުކުރެވެމުންދާ ކަރަންޓީން ފެސިލިޓީތަކުގައި މިޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ނަރުހުން މަސައްކަތް ކުރައްވާނެއެވެ، އަދި މިޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނީޝަން މަސައްކަތް ކުރައްވާނީ، ބަލި ދެނެގަނެވޭ ހާލަތުގައި އެ ފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަރޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ ގޮތުގައެވެ.

މިއަދު ރާއްޖެ ގެނައި މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންނެވެ. ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށް، ރާއްޖޭގެ އެއަރޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށްފައި ވެއެވެ. މީގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބޭނުންވާ މާސްކާއި، އިތުރު މެޑިކަލް އިކުއިޕްމަންޓްސް ޓޫރިޒަމް އިންޑަސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ވަނީ ހޯދައިދީފައެވެ.