ޚަބަރު

ކޯވިޑް-19 : މިއީ ގޭގައި ތިބެ އެއްބައިވަންތަަކަމުގެ ނަމޫނާ ދައްކަންވީ ދަނޑިވަޅު


ދިވެހިންނަކީ ކާރިސާގެ ކޮންމެ ދަނޑިވަޅެއްގައިވެސް އެކުވެރިކާމާއި އެއްބައިވަންތަކަމުގެ ނަމޫނާ ދައްކާ ދައްކާބައެކެވެ. މިހާރު މިއޮތީ ކުރިންދެއްކި މިނަމޫނަ އަނެއްކާވެސް ދައްކައި، އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތު އައިސްފައެވެ. ކޮވިޑް-19 ކޮންޓްރޯލްކުރެވެންދެން އަޅުގަނޑުމެން ކޮންމެ މީހެއްވެސް ގޭގައި ތިބުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަކު އަނެކަކަށް ވެދެވޭނެ އެންމެ ބޮޑު އެހީއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ރިވެތި އާދަތަކެއްގެ މަތީގައި ދެމިތިބި ބައެއްކަން މާޒީވެދިޔަ ގިނަ ހާދިސާތަކުން ވަނީ ފެނިގެން ގޮސްފައެވެ.
މިގޮތުން ބޮޑު ރޯގާ އާއި ކޮލެރާ އާއި ސިގެއްލާގެ ބަލިމަޑުކަމާއި، މިފަހުގެ ޖީލުތައް ދުށް އެނަމާ ބޯޓުގެ ހާދިސާއާއި، ސުނާމީ ކާރިސާ އާއި، މާލެ ފެނައްޖުމާއި، ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ދިވެހިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ނަމޫނާ ދައްކާފައެވެ. މިފަހަރުވެސް މިއޮތީ މިނަމޫނާ ދައްކަންޖެހިފައިވާ ވަރަށް މުހިންމު ދަނޑިވަޅެކެވެ. ހުސްވިއަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންއިން ފެތުރެންފެށި ކޮރޯނާ ވައިރަސް ދުނިޔޭގެ ޤައުމުތަކަށް ފެތުރެމުންގޮސް، ރާއްޖެއަށްވެސް މިވައިރަސް މިވަނީ ފޯރާފައެވެ.

ރާއްޖެއަކީ މިފަދަ ބަލިމަޑުކަންތައް މީގެ ކުރިންވެސް ތަޖުރިބާކޮށްފައިވާ ޤައުމަކަށް ވީނަމަވެސް، މިޖީލުގެ ގިނަ މީހުންނަށް މިފަދަ ތަޖުރިބާއެއް ކުރެވިފައެއް ނެތެވެ. މަޝްހޫރު ބޮޑު ރޯގާ އާއި ކޮލެރާއާއި ސިގެއްލާގެ ބިރުވެރިކަންދުށް މީހުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިބީ މަދު ބައެކެވެ. ދެހާހުގެ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް ފެތުރުގެން ދިޔަ ސާސް ރޯގާ އާއި، މާސްރޯގާގެ ވައިރަސްގެ ބިރުވެރިކަން ދުނިޔޭގެ އެހެން ޤައުމުތަކުން ތަޖުރިބާކުރި އިރު އެރޯގާތައް ރާއްޖެއަށް އައިސްފައި ނުވުމާއި އެކު މިފަހުގެ ތާޜީޚުގައި މިގޮތަށް ފެތުރިގެންދާ ރޯގާއެއްގެ ބިރުވެރިކަމެއްގެ ރާއްޖެ ތަޖުރިބާކޮށްފައެއް ނުވެއެވެ.
އެހެންކަމުން މިޖީލުގެ ގިނަމީހުންނަށް އައު މިބިރުވެރިކަމާއި އެކު އެތައް ބައެއްގެ ހިތްތަކުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން ވަނީ އުފެދިފައެވެ. އެއީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަށްވެސް މިބަލީގެ ސަބަބުން ހާސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ މަންޒަރާއި ހަބަރުތަށް މީޑިއާގައިވެސް ދައުރުވާތަން ފެންނާތީއެވެ. ރާއްޖެފަދަ ކުޑަ ޤައުމަކަށް މިބަލިން ސަލާމަތްވުމުގެ ޤާބިލިޔަތުކަން އޮތްތޯ ކުރާ ސުވާލުގެ ސަބަބުންނެވެ.

ވަޞީލަތްތައް މަދު އަދި ކުރިއަރާފައިވާ ބޭސްވެރިކަމާއި ޓެކްނޮލޮޖީ ނެތް ޒަމާނުގައިވެސް ދިވެހިން ވަނީ މިފަދަ ބަލިމަޑުކަމާއި ރޯގާތަކުގެ މައްޗަށ ްކުރި ހޯދާފައެވެ. ޤުދުރަތީގޮތުން ރާއްޖެއަކީ ވަކިޖަޒީރާތަކެއްގެ ގޮތުގައި ލައްވާފައި ވުމަކީވެސް މިފަދައިން ފެތުރިގެންދާ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާކަމެކެވެ.

ވީމާ ކޯވިޑް-19 ޖައްސާ ވައިރަސް އިން ސަލާމަތްވުމަށް ބޭނުންވަނީ ކެއްތެރިކަމެވެ. އެކަކު އަނެކަކާއި މެދު ވިސްނުމެވެ. ކޮރޯނާ ވައިރަސްއަކީ އޭގެ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހުންނަށް މާ ނުރައްކާ ބައްޔެއް ނޫނެވެ. ނަމަވެސް މިއީ ދުވަސްވީ މީހުންނާއި، އެކިއެކި ބަލިތަށް ހުންނަ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ. އެކަމަކު ރާއްޖޭގެ އާންމު މުޖުތަމައުތަކުގެ ތެރެއިން މިބަލި އަދި ފެނިފައި ނުވާތީ، މިހާރު ވިސްނުންތެރިކަމާއެކު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އާއްމުން ބޯލަނބައި ކިޔަމަން ވާނަމަ، ﷲ އިރާދަފުޅާއިއެކު ރާއްޖޭގެ ރައްޔިތުންނަށް މިބަލިމަޑުކަމުން ރައްކާތެރި ވެވޭނެއެވެ.

މިދުވަސްވަރު ގެއިން ބޭރަށް ނުނުކުމެ ގޭގައި ތިބުމަކީ އެކަކު އަނެކަކަށް ވެދެވޭނެ އެހީއެކެވެ. އެހެންކަމުން ރިވެތި އާދަކާދައިގެ ނަމޫނާ ދެއްކުމުގެ ދަނޑިވަޅަކީ މިއީއެވެ. ބުރުޖެހުމާއި، ކޮފީ މޭޒުތަކަށް އެރުން މިދަނޑިވަޅު ހުއްޓާލަންވީ، މިއީ ފަރުދީ ޒިންމާއެއްގެ ގޮތުން ވިސްނާފައެވެ. ފޫހިވިޔަސް، ކަށިން ހިއްވަރުނެރެ ގޭގައި ތިބެންވީއެވެ. ބިޒީކަމުން އާއިލާއަށް ކުރިން ނުދެވުނު ވަގުތު ދިނުމަށް މިއީ އެކަށޭނަ ވަގުތެވެ.

ޒަރޫރީ ބޭނުމަކަށް މެނުވީ މަގުމައްޗަށް ނުދާންވީ އެންމެ ބޮޑު އެއް ސަބަބަކީ މިބައްޔަކީ ފަސޭހައިން ފެތުރޭ އަދި އެކަކުގައި އަނެކަކުގެ ގަޔަށް ވައިރަސް ފެތުރޭ ވަގުތެއްވެސް ނޭނގޭ ބައްޔަކަށް ވާތީއެވެ. ޗައިނާއިންވެސް ކަންކުރީ މިގޮތަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުން ގެއިން ނުނުކުތުމުގެ ސަބަބުން އެތަށް ސަތޭކަ ކޭސްތަކެއް ފެނުނު ސަރަހައްދުތަކުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލިޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދިޔައެވެ.

މިއީ ރާއްޖޭގެ ރައްޔިތުންނަށްވެސް ކުރެވޭނެ ކަމެއްކަން ޔަޤީނެވެ. އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިންނަކީ މިގޮތުން މިސާލު ދައްކާ ބައެއް ކަމުންނެވެ. ކޮންމެ ހާދިސާ އަކާއި ކާރިސާ އަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވުމުންނެވެ.