ޚަބަރު

ޖުމްހޫރީމައިދާން ހުޅުވާއިރު އެންމެ ބޮޑު އުފަލެއް ކުޑަކުދިންނަށް


ޖުމްހޫރީ މައިދާން ހުޅުވުމަށް މާދަމާރޭ ބާއްވާ ރަސްމިއްޔާތުގައި، ފެން އަރުވާ ވަޑާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހުރިހާ ކުޑަކުދިންނަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. މި ރަސްމިއްޔާތު ވަރަށް ކުލަގަދަ ވާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.ބޮޑެތި މަރާމާތު ތަކަކަށްފަހު ޖުމްހޫރީ މައިދާން މާދަމާރޭ ހުޅުވާއިރު މުޅި ސަރަހައްދު ފެނިގެންދާނީ ތަފާތު ގޮތަކަށް ކަމަށާއި، ޖުމްހޫރީ މައިދާން ހުޅުވުމަށް މާދަމާރޭ ބާއްވާ ރަސްމިއްޔާތު ވަރަށް ކުލަ ގަދަ ވާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ރަސްމިއްޔާތަށް ވީހާވެސް ގިނަ ފަރާތްތަކަކުން މާދަމާރޭ ޖުމްހޫރީ މައިދާނަށް ޖަމާވުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަބީބު ވިދާޅުވީ، ރަސްމިއްޔާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށާއި، ރާއްޖޭގައި މިހާތަނަށް ހުޅުވޭ އެންމެ ފުރިހަމަ ފެން އަރުވާ ވަޑާން މާދަމާރޭ ހުޅުވާއިރު، މާދަމާރޭގެ ރަސްމިއްޔާތުގައި އެންމެ ބޮޑު އުފަލެއް އޮތީ ކުޑަކުދިންނަށްކަމަށެވެ."އަޅުގަނޑުމެން މި ހުޅުވާލަނީ އަންނަ ހުރިހާ ކުދިންނަށް ފެން އަރުވާ ވަޑާމުގެ ތެރެއަށް ވަނުމުގެ ފުރުސަތު. ފޮޓޯވެސް ނެގޭނެ. އެހެންވީމާ ކުޑަކުދިންނަށް ވަރަށް ސަޕްރައިޒިން ބަޔަކަށް މިބައި ވެގެންދާނީ" ހަބީބު ވިދާޅުވިއެވެ.ޖުމްހޫރީ މައިދާން ހުޅުވުމުގެ ވަގުތު ކުޑަތަން ވެފައިވާއިރު، ކުރަން ހުރި މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ތަން ޒީނަތްތެރި ކުރުމާއި، ތަން ސާފު ކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތުގައި ރޭގަނޑާއި ދުވާލު މަސައްކަތްތެރިން ދަނީ މަސައްކަތް ކުރަމުންނެވެ. ވިނަ އިންދުމާއި، ކުލަ ލުމާއި، ދަވާދު ކެހުންފަދަ ކުދި ކުދި ކަވި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްއެބަދެއެވެ. މި މަސައްކަތްތައްވެސް މާދަމާގެ ނިޔަލަށް ކޮށް ނިންމާ ލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.ޖުމްހޫރީ މައިދާން ހުޅުވުމަށް މާދަމާރޭ ބާއްވާ ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކަށް ޖުމްހޫރީ މައިދާނަށް ވަދެވޭނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އާއި ދިމާއިން ބޮޑު ތަކުރުފާނު މަގުންނެެވެެ. ދިމާއިން ބޮޑުތަކުރުފާނު މަގާއި، ޗާންދަނީ މަގުން އާންމުންނަށް ވަދެވޭގޮތަށް ހަމަޖެހިފައިވާއިރު އިސްލާމީ މަރުކަޒާއި، ބަންޑާރ ކޮށްޓާއި ދެމެދުން އޮންނަ ވެލި އެޅި މަގު ޚާއްސަ ކުރެވިފައިވަނީ ކުޑަކުދިންނާއި، އެކުދިންގެ ބެލެނިވެރިންނަށެވެ. ދައުވަތު އެރުވިގެން ވަޑައިގަންނަވާ ބޭފުޅުން ފާސް ހިފައިގެން ވަޑައިގެންނެވުމަށް ހައުސިން މިނިސްޓްރީން އެދިލައްވައެވެ. ޖުމްހޫރީ މައިދާން ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ނުވައެއް ޖަހާއިރުއެވެ.