ވިޔަފާރި

ސަރުކާރު ބަންދުވިޔަސް އެސްޓީއޯގެ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ - އެސްޓީއޯ

ސަރުކާރު ބަންދު ނަމަވެސް، އެސްޓީއޯގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެކަން ސަރުކާރުން އިއްޔެ ވަނީ އިއުލާންކުރައްވާފައެވެ. މިކަމާއި ގުޅިގެން އެސްޓީއޯ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެސްޓީއޯ އަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭހާއި ކާޑާއި ކާބޯތަކެއްޗާއި ތެޔޮ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާ ކުންފުނިކަމުން އެކުންފުނީގެ ޚިދުމަތްތައް މެދުކަނޑާލައިފިނަމަ އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.

މި ހަފްތާގެ ބުރާސްފަތި ދުވަހުންފެށިގެން އެއް ހަފްތާގެ މުއްދަތަށް ސަރުކާރު ބަންދުކުރަން ނިންމުމާ ގުޅިގެން ޒަރޫޒީ ޚިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަންތަނުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން މާލޭ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާ ބައެއް ކެފޭ ރެސްޓޯރެންޓުތަށް މިހާރުވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.