ޚަބަރު

މެލޭޝިއާ އާއި ޔޫކޭގައި ދިރިއުޅޭ ދިވެހިން މިވަގުތު ދަތުރުކުރުން ބުއްދިވެރިއެއްނޫން - މަބްރޫކް


މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައި ތިބި ދިވެހިން ދަތުރުފަތުރުކުރުމުގެ ބަދަލުގައި މިވަގުތު އެންމެ ރަނަގަޅީ ދިރިއުޅޭ އެޕާޓްމަންޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަަޅައިގެން ތިބުންކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ބައެއް ޤައުމުތަކަށް އައިސްގޮސް އުޅުން މަނާކުރަމުންދާއިރު އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ އެޤައުމުތަކުގެ ހާލަތަށް އިސްކަންދިނުން މުހިންމު ކަމަށެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރެން ދިމާވަނީ އެއަރޕޯޓްތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމުތައް ބޭންނުކޮށްގެން އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތަކުގެ ސަބަބުންކަމަށްވާއިރު، އެފަދަ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެންމެ ބޮޑަށް ސަމާލުވާންވީ ރައްކާތެރިވުމުގެ ގޮތުން އެފަދަ ތަންތަނަށް ނުދިއުމަށްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ޤައުމުތަކަށް ދިއުމާއި އެޤައުމުތަކުން މީހުން ރާއްޖެ އައުން ސަރުކާރުން މަނާކުރި ޤައުމުތަކަކީ ކޯވިޑް19 ގެ ނުރައްކާ ބޮޑު ޤައުމުތައްކަށް ކަމަށްވާއިރު، މެލޭޝިއާ ފަދަ ޤައުމުތަކުން އެއްކޮށް ލޮކްޑައުންއަކަށް ދިއުމަށް ވިސްނަމުންދާ މި ދަނޑިވަޅުގައި އެޤައުމުތަކުގައި ތިބި ބައެއް ދިވެހިން ރާއްޖެއަންނަން މަސައްކަތްކުރާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިއީ ދަތި ދަނޑިވަޅަކަށްވީނަމަވެސް އެއްޤައުމުން އަނެއް ޤައުމަށް މިވަގުތު ދަތުރުކުރުމުގެ ބަދަލުގައި އެންމެ ރަނގަޅުކަމަށް ސިއްޙީ މާހިރުން ލަފާދެއްވަނީ އެބަޔަކު ދިރިއުޅޭތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ތިބުމަށްކަމަށެވެ.

"މި ޤައުމުތަކުގައި އެންމެ ބޮޑު ނުރައްކަލަކަށްވާނީ އެޤައުމެއްގެ އެއަރޕޯޓަކަށް ދިއުން. ޕަބްލިކް ޓްރާންސްޕޯޓްތަކުގެ ތެރެއިން މިސާލަކަށް ޓޭކްސީއަކަށް އަަރައިގެން ދަތުރުމިކުރަނީ އެއަރޕޯޓަކަށް، އަދި އެއަރޕޯޓުން މިއަރަނީ މެލޭޝިޔާގެ ހާލުގައި ވަކިން ޚާއްސަކޮށް ވިސްނައިފިއްޔާ މެލޭޝިޔާގެ އެކި ތަންތަނުގައި ދިރިއުޅޭ ހުރިހާ ދިވެހިން އެއް ފްލައިޓަކަށް" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ނުރައްކާ ހާލަތުގައިވާކަމަށް އިއުލާންކޮށްފައިވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އެހީތެރިކަން ބޭނުންވާނަމަ ދިވެހި ސަރުކާރުން އެ ބަޔަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

މެލޭޝިޔާއާއި އިނގިރޭސި ވިލާތުގައި ކޯވިޑް-19 ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިނގިރޭސި ވިލާތާއި މެލޭޝިއާ އިން ރާއްޖެއަށް މީހުން އައުން ސަރުކާރުން މިހާރުވަނީ މަނާކޮށްފައެވެ.

ނަމަވެސް އެ ދެ ޤައުމުން އަންނަ ދިވެހިންނަށް ރާއްޖެ އައުމުގައި ހުރަހެއްނެތެވެ. ސަރުކާރުން ވަނީ އެ ދެޤަޢުމުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށްވެސް ނިންމާފައެވެ.