ޚަބަރު

ކޯވިޑް-19 : ސިޓީ ހޮޓާތަކާއި ގެސްޓުހައުސްތަކަށް ފަތުރުވެރިން އައުން މަނާކޮށްފި


ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފިއެވެ.

މިކަން އިއުލާންކުރައްވާ ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ، މި ނިންމުމުގެ ދަށުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެހެންނަމަވެސް މީގެ ކުރިން ބުކިން ހައްދާފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރެންދެން ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ތިބެވޭނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"އެޗްޕީއޭއިން ހާމަކުރައްވާފައިވާފަދައިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާ އަދި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް މި ނިންމީ. މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ދެން ނުވެވޭނެ" މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިވަގުތު އިސްކަން ދެނީ އިޤްތިޞާދީ ގެއްލުމަށްވުރެ ބޮޑަށް ސިއްޙީގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްކަން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް ހަދާފައިވާއިރު، މީގެ ކުރިން ގްރޭޓަރ މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓް ހައުސްތަކަށް މިމަހުގެ 15 އިން 24 އަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް ވަނީ ހަމަޖައްސާފައެވެ.