ޚަބަރު

ބޮޑެތި ބަދަލުތަކަކާއެކު ޖުމްހޫރީ މައިދާން މާދަމާރޭ ހުޅުވަނީ


މިނިވަން ފަންސާހަށް މާލެތެރެ ޒީނަތްތެރިކޮށް ރީތިކުރުމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަދަމުންދާ ފެންއަރުވާ ވަޑާންތަކާއި، ޖުމްހޫރީ މައިދާނަށް ގެންނަ ބަދަލްތަކެވެ. މިއުޒިކްގެ ހަމަތަކާއެކު ފެން އަރަމުންދާ ގޮތައް ޑިޒައިން ކޮށްގެން ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެން އަރުވާ ވަޑާމުގެ މަސައްކަތް ނިމި ތަފާތު ބޮޑު ބަދަލަކާއެކު ޖުމްހޫރީ މައިދާން މާދަމާރޭ ހުޅުވާނެއެވެ.  މާޒީއަށް ބަލާއިރު މާލޭގެ އެކިތަންތަނުން ފެންއަރުވާ ވަޑާންތައް ފެންނަން ހުރި ނަމަވެސް މިހާރު އެތަންތަން ފެންނާކަށް ނެތެވެ. އިސްލާމީ މަރުކަޒާއި، ސަލްޓަންޕާކަކީ، އެގޮތުން ފާހަގަ ކޮށްލެވޭ ތަންތަންކަން ފާހަގަ ކޮށްލެވެއެވެ. ކުރިން ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމުގެ ބޭނުން  ނުކޮށް އެތަން ހަލާކުވެފައިވަނިކޮށް، މިނިވަންފަންސާހަށް މާލެތެރެ ޒީނަތްތެއި ކުރުމުގެ މަސައްކަތުގެ ތެރެއިން  އެތަން ދެގުނައަށް ބޮޑުކޮށް މިހާރު އެތަނުގައިވަނީ ފެން އަރުވާ ވަޑާމެއް ހަދާ ނިންމާފައެވެ. އަދި ޖުމްހޫރީ މައިދާންގެ ވިނަގަނޑު ބަދަލުކޮށް، ކޮންމެ ފަރާތަކުންވެސް އެތަނަށް ވަދެވޭނެހެން މަގުތައް ހަދައި، އެތަނުގެ މެދުގައި އޮންނަ ބުރުވެސް ވަނީ އަލުން ހަދާފައެވެ.   ހައުސިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ އެ ފެން އަރުވާ ވަޑާން މިހާރުވަނީ ޓެސްޓްވެސް ކޮށްފައެވެ.  ކުޑަކުދިންނަށް އެތަނުގެ އެތެރެއަށް އެރި ތެމިލެވޭ ގޮތަށް ފަރުމާކޮށްގެން ހަދާފައިވާ އެ ފެންއަރުވާ ވަޑާމުގެ މެދުގައި ދިވެހިންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެއްވެސް ވަނީ ހަދާފައެވެ.  ޖުމްހޫރީ މައިދާނުގެ އިތުރުން މާލޭގެ ދެ ސަރަހައްދެއްގައި ވަނީ ފެންއަރުވާ ވަޑާންތައް ހަދާފައި. އެގޮތުން ކާނިވާ ސަރަހައްދުގައި ހަދާފައިވާ ފެންއަރުވާވަޑާމުގެ މަސައްކަތްވެސް ނިމި ޓެސްޓް ކުރުމުގެ ގޮތުން ފެން އަރުވަން ވަނީ ފަށާފައެވެ. ހާބަރު ސަރަހައްދުގައި ހަދާ ފެންއަރުވާ ވަޑާމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، ވިލިމާލެ ކައިރީ މޫދުގައިހަދާ  ފްލޯޓިން ފައުންޓެއިންގެ މަސައްކަތް  މޫސުން ގޯސްވުމުގެ ސަބަބުން ނުފެށި ވާކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯރޑިނޭޓަރ އަބްދުﷲ ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު ނިމިފައި ހުރި ފެންއަރުވާ ވަޑާން ތަކުގެ ފިނިޝިން މަސައްކަތްވެސް މޫސުން ގޯސްވުމުގެ ސަބަބުން ލަސްވަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ. ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެން އަރުވާ ވަޑާމާއި، އެތަނަށް ގެނެސްފައިވާ ބޮޑު ބަދަލާއެކު  ޖުމްހޫރީ މައިދާން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.