ކޯވިޑް-19އިން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާ އެއްވަރަކަށް ކޮންމެ މީހެއްގެ ފަރުދީ ޒިންމާވެސް ބޮޑު ރޯލެއް އަދާކުރެއެވެ. ހަމައެކަނި އަތް ދޮވުމާ ހިސާބަކުން މިކަން ނިންމާލެވޭކަށް ނެތެވެ. މިކަމުގައި ހަމައެކަނި ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތަކުން އެކަނިވެސް ޙައްލެއް ނެތެވެ. މިހާތަނަށް ބަލިފެރުވި ނުރައްކާ ހާލަތުގައި އޮތް ހުރިހާ ޤައުމަކުންވެސް އަންނަނީ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ވަރުގަދަ މެސެޖުތަކެއް ދެމުންނެވެ.
ކޯވިޑް-19އާ ގުޅިގެން މުޅި ޤައުމުގައި އެކިފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ބުރަ މަސައްކަތެއް ކުރާ އެއްބަޔަކީ ސިއްޙީ ޚިދުމަތްތެރިންނެވެ. އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނާއި ޑިކްޓަރުންނާއި ސިއްޙީ ދާއިރާގެ ވެރިން ދަނީ އައްމިލަ ޢާއިލާއާއި، އަނބިދަރިން ދޫކޮށް ރެއާއި ދުވާލު ޚިދުމަތްދެމުންނެވެ. އެމީހުން ވަރުބައްޔެއް ނުވެއެވެ. ފޫއްސެވެސް ނުވެއެވެ.
އެހެންނަމަވެސް އެމީހުންގެ ކަންބޮޑުވުމެއް އެބައޮތެވެ. އެއީ ޞިއްޙީ އިދާރާތަކާއި ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ބައެއްމީހުން ސަމާލުކަން ނުދޭ މައްސަލައެވެ. ޢާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަމަށް އިސްކަން ނުދޭ މީހުން އުޅޭ މައްސަލައެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތުމަތު ނަޒްލާ ދެއްވާފައިވާނީ ވަރުގަދަ މެސެޖެކެވެ. ޑރ.ނަޒްލާ ވިދާޅުވީ ހަމައެކަނި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން 24 ގަޑިއިރު ކުރާ މަސައްކަތްކޮށް ނުނިދައި ހޭލާ ތިބެގެން މަސައްކަތް ކުރިއަސް ނުނިމޭކަމަށެވެ. އެފަރާތަތްކުގެ އިރުޝާދުތަކާއި އެންގުންތަކަށް ބޯނުލަނބާނަމަ ޞިއްޙީ އިއސްފަރާތްތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތް ބޭކާރުވާނެކަމުގެ އިންޒާރުވެސް ޑރ.ނަޒްލާވަނީ ދެއްވާފައެވެ.
ކަމާބެހޭ އެންމެހައި ފަރާތްތަކުންވެސް ދައްކަވަނީ ހަމަ އެއް ވާހަކައެކެވެ. ޤައުމު މިއޮތް ޙާލަތުން ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމުގައި ފަރުދީ ޒިންމާ އަދާކުރައްވާށެވެ.
ހަމައެކަނި ސެނިޓައިޒާއާއި މާސްކު ގަނެ ގެއަށް ސްޓޮކް ކުރުމަކުން ނުނިމެއެވެ. ކާބޯތަކެތި އެއްކޮށް ގުދަންކުރުމަކުންވެސް ސަލާމަތެއް ނެތެވެ. އަދި ހަމައެކަނި އޮތީ އަތް ދޮވުމެއްވެސް ނޫނެވެ.
އެންމެ މުހިންމުކަމަކީ ޒަރޫރީ ބޭނުމެއްގައިނޫނީ ގެއިން ބޭރުގައި ނޫޅުމެވެ. ޢާއްމު ތަންތަނަށް ނުދިއުމެވެ.
މިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ޑޮކްޓަރުންނާއި ސިއްޙީ މާހިރުން ނަސޭޙަތްދެމުން އަންނައިރުވެސް މާބޮޑު ފިކުރެއްނެތި ޢާއްމުންގެ އެތައްބަޔަކު ބޭނުމެއްނެތި ފިނި ބުރުޖެހުމާއި، ކޮފީތަކުގައި ވަގުތު ހޭދަކުރާތަން އަދިވެސް ފެނެއެވެ. ޞިއްޙީ މާހިރުންގެ އާދޭހަކީ ޢާއްމުން މިދުވަސްވަރު ގޭގައި ތިބުމެވެ. އެއީ ހަމައެކަނި ތިމާއާއި ތިމާގެ ޢާއިލާއަށް ޓަކައެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢާއި މުޅި ޤައުމުގެ ރައްކާތެރިކަމަށްޓަކައެވެ.
ޤައުމު އެކުގައި ލޮކްޑައުންކޮށް އެކަން ތަންފީޒުކުރުމަށް ހަރުކަށި ފިޔަވަޅު އަދި ނޭޅިޔަސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ނަޞޭހަތާއި އިރުޝާދުތައް ދެއްވަމުންނެވެ. ކޮންމެކަމެއް ކުރަންވީ އެކަންކުރޭތޯ ބެލުމަށް ފުލުހުން ތިބެގެން ނޫންކަން އެބަ ޤަބޫލުކުރަންޖެހެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އެކި މުވައްސަސާތަކުންވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޢުމުރުން ދުވަސް ވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަމުން އަންނަ މީހުންނާއި މާބަނޑު މީހުން ގޭގައި ތިބިގެން މަސައްކަތްކުރެވޭނެ ގޮތް ބައެއް އޮފީސްތަކުގައި ހަދާފައިވާއިރު މުސާރަ ހިނގާގޮތަށް ބައެއް އޮފީސްތަކުންވަނީ ޗުއްޓީވެސް ދީފައެވެ.
މިއީ އެންމެން ގުޅިގެން މުޅި ޤައުމު ރައްކާތެރިކުރުމަށް އަތާ އަތް ގުޅާލަންވީވަގުތެވެ. ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވާންވީ ވަގުތެވެ. ތިމާގެ އަމިއްލަ ނަފްސާއި ޢާއިލާގެ ރައްކާތެރިކަމަށް އެދޭފަދައިން އެހެންމީހުންގެ ރައްކަލަށްވެސް ވިސްނަންވީ ވަގުތެވެ.