ޚަބަރު

ކޯވިޑް-19: ރާއްޖެއަށް އަންނަ އެމެރިކާ ފަތުރުވެރިން ސަމާލުވުމަށް އަންގައިފި


ރާއްޖެއަށް އަންނަ އެމެރިކާ ފަތުރުވެރިން ސަމާލުވުމަށް އަންގައިފިއެވެ.

އެމެރިކާއިން ރާއްޖެ އަދި ސްރިލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އެލައިނާ ޓްޕްލިޒް ކުރެއްވި ޓުވީޓެއްގައި އެކަމަނާވަނީ ރާއްޖެއިން މި ވައިރަސް ފެނިފައިވާއިރު، މިކަމުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވާފައެވެ. ދުނިޔޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ތަތުރެއް ނޫނީ ނުކުރުމަށް އެމެރިކާގެ ސަފީރު އިރުޝާދުދެއްވިއެވެ. އަދި އެމެރިކާ އެމްބަސީގެ ވެބްސައިޓުން ރާއްޖެއަށް ދަތުރުކުރުމުގައި އަންނަ ބަދަލުތައް އަޕްޑޭޓްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ސަފީރު އެލައިނާ ޓްޕްލިޒް ކުރެއްވި ޓުވީޓް

އެމެރިކާ އެމްބަސީގެ ވެބްސައިޓްގައި ރާއްޖޭގެ ރިސޯޓްތަކުން ކޯވިޑް-19ގެ ކޭސްތައް ފެންނަން ފެށުމުން އަޅަންފަށާފައިވާ ފިޔަވަޅުތައް ތަފްސީލްކޮށްދީފައިވެއެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓް ހައުސްތަކަށް މިމަހުގެ 15 އިން 24 އަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ޓްރެވެލް ބޭން ނެރެފައިވާ ޤައުމުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މި ދުވަސްތަކުގައި ޗައިނާ، އީރާން، އިޓަލީ، ދެކުނު ކޮރެއާ، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، ސްޕެއިއިން ޑިރެކްޓް އަދި ޓްރާންސިޓްވާ ފަތުރުވެރިންނަށް ރާއްޖެ ނުވަދެވޭނެކަން ފާހަގަކޮށްފައިވެއެވެ.

މި ބަލި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާއިރު މި ލިސްޓު އަވަސް އަވަހަށް ބަދަލުވެދާނެކަމަށް ބަލާ މި ލިސްޓަށް ސަމާލުވުމަށް އެމެރިކާ އެމްބަސީން އިލްތިމާސްކުރެއެވެ. މި ބަޔާނުގައި އެ އެމްބަސީން ވަނީ ރާއްޖެއަށް ކްރޫޒް ލައިނަރތައް އައުންވެސް ހުއްޓާލާފައިވާކަން ފާހަގަކޮށްފައެވެ. މި ބަޔާނުގައި ރާއްޖޭގައި ހުއްޓާ މި ބަލީގެ އަލާމާތްތައް ފެނިއްޖެ ހާލަތެއްގައި ކަރަންޓީންކޮށް ފަރުވާދޭނެކަމަށްވެސް ވަނީ ބުނެފައެވެ.