ބޮޑެތި އިންވެސްޓްމެންޓްތައް ކުރާ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކޮށްދިނުމުގެ ސަބަބުން، އެ ބިންތަކުން ދިވެހި ސަރުކާރުގެ ސިޔާދަތީ ބާރު ގެއްލިގެން ނުދާނެކަމަށާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ދެވަނަ އިޞްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ، މި އިޞްހާލުގެ ދަށުން ބިން މިލްކޮށްދެވޭނީ ހަމައެކަނި އެއް ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމެންޓްތައް ކުރާ ފަރާތްތަކަށްއެކަނި ކަމަށެވެ. އަދި ސަރުކާރުން މިގޮތަށް ހުއްދަ ދޭނީ ވަރަށް މަދު އިންވެސްޓްމެންޓަކަށްކަމަށާއި، ހުއްދަ ދޭނީ އިންވެސްޓުކުރަން ހުށަހަޅާ ފަރާތްތައް ވަރަށް ބޮޑަށް ބަލާ، ދިރާސާކުރުމަށް ފަހުކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ، މި އިޞްލާހުގެ ދަށުން އިންވެސްޓަރުންނަށް މިހާރު އޮތް ބިންތައް މިލްކުކުރުމުގެ ފުރުޞަތު ދެނީ ނޫންކަމަށާއި، މިލްކުކުރުމުގެ ހުއްދަ ދެނީ ކަނޑާއި ފަޅުތައް ހިއްކުމަށްފަހު، އަލަށް ހިއްކާ ބިންތައްކަމަށެވެ.މި އިޞްލާހުގެ ދަށުން ދިވެހި ރާއްޖޭގެ ސިޔާދަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ނެތްކަން ހާމަކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މިލްކުކޮށްދެވޭ ބިންތަކުގައި އިސްލާމް ދީނާއި، ދިވެހި ޤާނޫނު އަސާސީ މަނާކުރާ އެއްވެސް ކަމެއް ކުރުމުގެ ހުއްދަ އިންވެސްޓަރުންނަށް ނޯންނާނެކަމަށެވެ. އަދި މި އިޞްލާހުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ ބޭރުގެ ފަރާތްތަކަށް ބަރޯސާވުމަށް ހުއްޓުމެއް ގެނައުމުގެ ފުރުޞަތު ރާއްޖެއަށް ލިބިދީ، އިޤްތިޞާދީ ގޮތުން މިނިވަން ޤައުމަކަށް ރާއްޖެވުމުގެ ދޮރު ހުޅުވިގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތުރުންވެސް، މި އިޞްލާހުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.