ވިޔަފާރި

ރިސޯޓުތަކުން މުވައްޒަފުން ވަކިކުރާ މިންވަރަށް، ޢާމްދަނީ އަދި ދަށެއްނުވޭ - ނަޝީދު


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާވަރަށް އަދި ރާއްޖޭގެ ވިޔަފާރިތަކުގެ ޢާމްދަނީ ދަށަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީ ދަށްވިކަމަށްބުނެ ރިސޯޓުތަކުން ކުއްލިއަކަށް މުވައްޒަފުންގެ ބޮޑުބައެއް ގެއަށް ފޮނުވާލައި ނޯޕޭގައި މަސައްކަތްކުރާކަމަށެވެ. ނަމަވެސް ރިސޯޓްތަކުގެ އާމްދަނީއަށް ބަދަލު އައިސްފައި މިވަނީ އަދި މިހާހިސާބަށް ބަލާއިރު އެންމެގިނަވެގެންވެސް 15 ދުވަހުގެ މުއްދަތައްކަމަށެވެ. އެހެންކަމުން ޚަރަދުތައް ކުޑަކުރަންވާނީ ޢާމްދަނީ ދަށްވި މިންވަރަކުންކަން ނަޝީދު ވަނީ ފަހަގަކުރައްވާފައެވެ.

"ރިސޯޓުތަކުގެ ޢާމްދަނީއަށް ބަދަލުއައިސްފައިވަނީ، އަދި ގިނަވެގެން 15 ދުވަހަށް. މިއަހަރުގެ މިހާތަނަށް ރިސޯޓްތަކުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދައްކާފައި އެބަވޭ. އޭގެމާނައަކީ 10.1 ބިލިއަން ރުފިޔާގެ ވިޔަފާރި ރިސޯޓްތަކުން މި މާރޗް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރެވިފައިވާކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ޓުއަރިސްޓުން އަންނަ މިންވަރު ދަށްވަމުން އަންނަކަން ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މިޢަދަދު ދަށްވެ ޢާމްދަނީއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިވަގުތު ޢާމްދަނީ ދަށްވި މިންވަރު ނޫން މިންވަރަށް އެހެން ޚަރަދުތައް ކުޑަކުރުން އެއީ އެންމެ ޒިންމާދާރު ގޮތްނޫންކަމަށެވެ. އަދި ރިސޯޓުތަކުން މުވައްޒަފުން ކެނޑުން އެއީ އެންމެ ފަހުން ކުރަންޖެހޭނެކަންކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

"ޓުއަރިސްޓުން އަންނަ މިންވަރު އެބަދަށްވޭ. އަދި ކުރިއަތްއޮތްތަނުގައި ދަށްވަމުންދާނެ. ވިޔަފާރިއާއި އާމްދަނީ އެބަ ދަށްވޭ. ވިޔަފާރިތަކުގެ ފައިދާވެސް އެބަ ދަށްވޭ. އެހެންނަމަވެސް މިވަގުތު އެދަށްވާ ދަށްވުމުގެ މިންވަރަށް ނޫން މިންވަރަށް އެހެން ހަރަދުތައް ކުޑަކުރުން އެއީ އަޅުގަނޑު ދެކޭގޮތުގައި ޒިންމާދާރު ގޮތެއްނޫން. ހަރަދު ކުޑަކުރުން އެކަށީގެންވާނީ އާމްދަނީ ދަށްވި މިންވަރަށް. އާމްދަނީ އަޅުގަނޑު މިދަންނަވަނީ އަދި އެމިންވަރަކަށް ދަށެއް ނުވެޔޭ. ޓެކްސްގެ އާމްދަނީ ދައްކާ މިންވަރުން އެބަ އެކަން ފާހަގަވޭ. ރިސޯޓުތަކުން މުވައްޒަފުން ކެނޑުން އެއީ އެންމެ ފަހުން ކުރައްވަންޖެހޭނެ ކަންތައް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ އަމިއްލަ ފައިދާވެސް މިދަނޑިވަޅު އިޤްތިސާދަށް ގެނެސް މުވައްޒަފުންނަށް މުސާރަދިނުމަކީ މިވަގުތަށް އެންމެ އެކަށޭނަގޮތްކަމަށް ނަޝީދުވަނީ ފާހަގަކުރައްވާފައެވެ. މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ދައްކާފައެވެ. އަދި ބީޕީޓީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 850 މިލިއަން ދަށްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

2019ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބީޕީޓީގެ ގޮތުގައި ދައްކާފައިވަނީ 134 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީމަހު ބީޕީޓީގެ ގޮތުގައި 413 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ވިޔަފާރިތަކަށް އާމްދަނީ އިތުރުވެފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.