ޚަބަރު

ލިޔެކިއުން ހުށަހެޅުމާއެކު، އެމްޑީޕީއާއި ޖޭޕީއަށް ފައިސާދޭން ނިންމައިފި


އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޫކުރަމުންދާ ފައިސާގެ ތެރެއިން ޕާޓީތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާތަނަށް ހުށަހަޅާފައިވާ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ޤާނޫނުގައި ބުނާގޮތަށް ކޮމިޝަނުން ފައިސާ ދޫކުރަމުންދަނީ ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހަޅާ ޕަޓީތަކަށްކަމަށެވެ. މިހާތަނަށް އިލެކްޝަން ކޮމިޝަނަށް މި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ ދެ ޕަޓީއަކުންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއަށް ފައިސާދިނުމަށް ކޮމިޝަނުން ނިންމާފައިވީނަމަވެސް ފައިސާ ދޫކުރާނެ ވަކި ތާރީޚެއް އަދި ކޮމިޝަނުން ނިންމަވާފައިނުވެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް ދިހަ ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ، ޑީއާރުޕީ، ޕީއެންސީ، ލޭބާ ޕާޓީ، އެމްޓީޑީގެ އިތުރުން އެންމެ ފަހުން ރަޖިސްޓްރީ ކުރި ރައީސް މައުމޫންގެ އެމްއާރުއެމްއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން އެ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތައް އަހަރަކު އެއް ފަހަރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ފައިސާ ހަރަދު ކުރެވޭ ގޮތް މޮނިޓާކޮށް ބެލޭނެ ގޮތެއް ނޯންނަ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕާޓީތަކުގެ ފައިސާ ޚަރަދުކުރާގޮތް ބަލައި މޮނިޓާ ކުރުމަށް، އެކޮމިޝަނުގެ ވިސްނުމަކީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތައް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުން ކަމަށް ކޮމިޝަންގެ ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެއެވެ.