ޚަބަރު

މެލޭޝިއާ "ލޮކްޑައުން"އަށް ތައްޔާރުވާއިރު، މޯލްތަކާއި ސުޕަމާޓްތައް ފުނިޖެހިފައި


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމުގެގޮތުން މުޅި މެލޭޝިއާ "ލޮކްޑައުން" ކުރުމަށް ނުވަތަ އެޤައުމަށް ވަދެނުކުމެ އުޅުން މަނާކުރުމަށް ނިންމާފައިވީނަމަވެސް އެޤައުމުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިމަހުގެ 18ވަނަ ދުވަހުންގެ ފެށިގެން 31ގެ ނިޔަލަށް މެލޭޝިއާ "ލޮކްޑައުން"ކުރުމަށް އެޤައުމުން ނިންމާފައިވާއިރު އެޤައުމުގައި ގިނަ ޢަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދެއެވެ. ޞިއްޙީގޮތުން ކުރިމަތިވެފައިވާ މި ކުއްލި މިހާލަތުގައި ކޮންމެ ޤައުމަކުންވެސް އެޤައުމެއްގެ ސަލާމާތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަށް ފޮރިން މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.

މެލޭޝިއާ "ލޮކްޑައުން" ކުރިޔަސް އެޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ރާއްޖެއަށް އެބުރި އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލުބަލައި ދިވެހިންގެ ކަންކަން ވަރަށްގާތުން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ބަލަމުންދާކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެއެވެ.

މެލޭޝިއާ މިމަހުގެ 18ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ޢަދަދެއްގެ ބަޔަކުދަނީ ކާބޯތަކެއްޗާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަތުމަށް މޯލްތަކާއި ސުޕަމާޓްކަށް ޖަމާވަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކުބުނީ ގިނަ ޢަދަދެއްގެ ބަޔަކު މިހާރުވެސް ސުޕަމާޓްތަކުން ތަކެތި ގަންނަމުންދާކަމަށެވެ.

ގިނަ ޢަދަދެއްގެބަޔަކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުމަށް އެއްފަހަރާ ނިކުތުމުން ބޮޑު ކިއުތަކެއްގައި ޖެހިފައިވާކަމަށެވެ. ބާޒާރުކުރުމަށް މެލޭޝިގައި ދިރިއުޅޭ ގިނަ ދިވެހިންތަކެއްވެސް މޯލްތަކާއި، ސުޕަމާޓްތަކަށް ދާއިރު، އެންމެންވެސް ސަލާމަތަށްޓަކައި މާސްކު ބޭނުންކުރުމާއި، ޞިއްޚީ މާހިރުން ދެއްވާ އިރުޝާދުތަކާއިއެކު އަމަލުތައް ބަހައްޓާ މަންޒަރު ފެންނަކަމަށް އޭނާ ބުންޏެވެ.

މެލޭޝިއާގައި ރާއްޖޭގެ ތިން ހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެއެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވީ، އެ ޤައުމުން މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއްދެނީ ކޯވިޑް-19 ޤައުމުގެ ތެރޭގައި އިތުރަށް ފެތުރުނަނުދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. އަދި މިގޮތަށް ނިންމުމާގުޅިގެން އެ ޤައުމުގައި ފެނާއި ކަރަންޓާއި، މުޢާސަލާތީ ޚިދުމަތާއި، ދަތުރުފަތުރުގެ ހިދުމަތުގެ އިތުރުން ބޭންކިންގެ ހިދުމަތާއި، ކާބޯތަކެތީގެ ސާމާނު ވިއްކާ ތަންތަން ފިޔަވާ ސަރުކާރާއި، އަމިއްލަ ވިޔަފާރިކުރާ އެހެން ހުރިހާ ތަނެއް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ލޮކްޑައުންގެ މުއްދަތުގައި މެލޭޝިއާގެ އެއްވެސް ރައްޔިތަކަށް އެ ޤައުމުން ބޭރަށް ދަތުރެއް ނުކުރެވޭނެކަމަށާއި، އެހެން ޤައުމުތަކުން އެތެރެވާ މެލޭޝިއާގެ ރައްޔިތުންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކުރެވިގެންދާނެއެވެ.