ޚަބަރު

އިންތިޚާބްތައް ފަސްކުރުމުގެ ޤާނޫނީ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް - މަޖިީހުގެ ރައީސް


އިންތިޚާބްތައް ފަސްކުރުމުގެ ޤާނޫނީ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ކޯޓުތައް މެދުވެރިކޮށް އިންތިޚާބްތަކާއި ކުޅުމުން ނިކުތް ނަތީޖާ ރައްޔިތުންނަށް ފެނިފައިވާކަމަށެވެ.

ޤާނޫނީ ގޮތުން އިންތިޚާބްތައް ބާއްވާނެ ތާރީޚުތަކާއި، އިންތިޚާބްތަކުގެ އެންމެހައި ގަވާއިދުތަކާއި ޤާނޫނުތައް އެކުލަވާލަނީ ރައްޔިތުންގެ މަޖިލީހުންކަމަށްވާއިރު ޤައުމަށް ދިމާވާ އެކި ހާލަތްތަކުގައިވެސް އިންތިޚާބް ފަސްކުރާނަމަ އެކަން ކުރުމުގެ ޒިންމާ އެޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮނޑުގައިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބް ފަސްކުރާނަމަ އެކަންކުރުމުގެ ޒިންމާވެސް އޮތީ ތިޔަ އިއްޒަތްތެރި މެމްބަރުގެ އަތުގައި. ސުޕްރީމް ކޯޓުން އިންތިޚާބްތަކުގެ ތެރެއަށް ވަނުމުން ކަންކަން ހިނގާފައިވާގޮތުން ތިޔަ މެމްބަރުންނަށާއި، ރައްޔިތުންނަށް ސާފްވާނެ. އިންތިޚާބް ލަސްކުރުމާއި، ދެން ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ ޒިންމާ އޮތީ މަޖިލީހުގައި" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިމައްސަލައިގަ ވާހަކަފުޅު ދައްކަވަމުން މިބިލް މަޖިލީހަށް ހުށަހެޅުއްވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މިބިލް ހުށަހެޅުއްވުމުގެ އެންމެބޮޑު ބޭނުމަކީ އިންތިޚާބުގެ ކުރިން އިދާރީ ގޮތުން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުންކަމަށެވެ. އަދި މިއާއިއެކު ކައުންސިލްތަކުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާއި، ބަޖެޓް ބޭނުންކުރުމުގައި ރަނގަޅު އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމަށެވެ.

ލާމަޒުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިއްޔެވަނީ ކަނޑައަޅުއްވާފައެވެ.