ޚަބަރު

ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާމީހުންނަށް ބޭސް ލިބޭނެގޮތް އާސަންދައިން ހަމަޖައްސަނީ


އެކި ބަލިތަކުގައި ދާއިމީކޮށް ބޭސް ބޭނުންކުރާ މީހުންނަށް ޑޮކްޓަރަށް ދެއްކުކަމަކާއިނުލައި ބޭސްލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އާސަންދަ ކުންފުނިން ފަށައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ދިގުމުއްދަތަކަށް ބޭސްބޭނުންކުރާ މީހުންނަށް އަންނަ ހޯމަދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ބޭސް ސިޓީ އައު ނުކޮށްވެސް ބޭސްލިބޭނެ ގޮތް އާސަންދައިން ހަމަޖައްސާނެކަމަށެވެ.

ގިނަ ބަޔަކު އެއްވާ ތަންތަނަށް ނުދިއުމުގެ އިތުރުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލްތަކަށްވެސް ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ދަނީ އިލްތިމާސްކުރަމުންނެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް19 ގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވި ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވާކް ޕާމިޓް އާކުރުމަށާއި ވާކް ޕާމިޓަށް އެދޭއިރު މިހާރު މެޑިކަލް ރިޕޯޓް ހުށަނޭޅުން އެންމެ ރަނގަޅުކަން ކަމާއިގުޅުންހުރި އިދާރާތަކުން ބުނެފައިވީނަމަވެސް 3 މަސްފަހުން މެޑިކަލް ރިޕޯޓްތައް ހުށައަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

"އާންމުގޮތެއްގައި ވާކް ވިސާއަށް މެޑިކަލް ހައްދަން މިޖެހެނީ ބޭރުން އަންނަ މީހާ ރާއްޖެއައިސް ވިސާއަށް އެދިފައި ރާއްޖެއިން މެޑިކަލް ހަދަންމިޖެހެނީ. އެހެންނަމަވެސް މިޙާރު ހާލަތުއޮތްގޮތުން އަޅުގަނޑުމެން މިބުނަނީ މިހާލަތު ނިމުނީމަ ފަހުން އެ ސެޓްފިކެޓް ހުށައަޅާށޭ" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ދެމުން އަންނަ ޚިދުމަތްތަކަށް ބަދަލުގެނެސް ވީހާވެސް ބޮޑަށް މީހުން ޚިދުމަތްހޯދަން އެތަންނަށް ދިއުން މަދުކުރުމަށް ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.