ޚަބަރު

މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓުމަށް 100މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް


ކޯވިޑް 19ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ދިމާވެފައިވަ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ލޯނު ފެސިލިޓީއަކީ އޮޑިދޯނި ފަހަރު ބަނުމަށާއި، އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށާއި، މަސް ގަންނަ ކުންފުނިންތަކަށް ދިމާވެދާނެ މާލީ ދަތިތައް ފޫބެއްދުމަށް ކަނޑައެޅި ލޯނު ފެސިލިޓީއެއްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ލޮޅުންތައް ކުޑަކޮށް، މި ދާއިރާ ހުއްޓުމަކަށް ނައިސް ދާއިރާގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި މިނިސްޓްރީން ވިދާޅުވެއެވެ.

ލޯން ފެސިލިޓީ ހަމަޖެއްސުމަށް ނިންމީ މިކަމުގެ މަޝްވަރާތައް ފިޝަރީޒް މިނިސްޓްރީއާއި އަދި އިކޮނޮމިކް މިނިސްޓްރީއާއިއެކު ކުރިއަށްގެންދިއުމަށްފަހުގައެވެ. އަދި ލޯނުގެ ގޮތުގައި ދޭނެ އަދަދު ކަނޑައެޅީ ކޯވިޑް 19ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި މަސްވެރިންނާއި އެކު ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހުގައެވެ.

ސަރުކާރުންދަނީ މި ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިޞާދަށް އައިސްދާނެ ބަދަލުތައް ދިރާސާކޮށް، އިޤްތިޞާދު ހިފެހެއްޓުމަށް މިފަދަ ވަގުތުގައި އެޅެންހުރި ފިޔަވަޅުތައް އަޅަމުންނެވެ.