ޚަބަރު

ކޯވިޑް-19 : އެމްޕީއެލްގެ 70އަށްވުރެ ގިިނަ މުވައްޒަފުންނަށް މުސާރަލިބޭގޮތަށް ޗުއްޓީދީފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން އޮފީހަށް ނުކުންނަށް ނުޖެހޭގޮތަށް އެމްޕީއެލްއިން ހަމަޖައްސައިިފިއެވެ.

އެމްޕީއެލްއިން ބުނެފައި ވަނީ އެމުވައްޒަފުން އޮފީހަށް ނުކުންނަށް ނުޖެހުނު ނަމަވެސް، އެމީހުންގެ މުސާރައިން އުނި ނުކުރާނެކަމަށެވެ.

މި ނިންމުމުގެ ދަށުން އެމްޕީއެލްގައި މަސައްކަތްކުރާ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، މާބަނޑު މީހުން މާދަމާއިން ފެށިގެން މަސައްކަތްތަށް ނިކުންނަށް ނުޖެހޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މީގެތެރޭގައި 70އަށް ވުރެ ގިނަ މުވައްޒަފުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.

މިއީ މި ބަލީގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ ސިއްޙީ މާހިރުން ކަނޑައަޅާފައިވާ ކެޓަގަރީގައި ހިމެނޭ ފަރާތްތަށް ކަމަށްވާތީ، މި ފިޔަވަޅަކީ އެ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުން ލިބެންވާ ރައްކާތެރިކަން ހޯދައި ދިނުމަށް އެޅި ފިޔަވަޅެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ބުނެފައި ވަނީ ކުންފުނިން ވަކި ގޮތެއް އަންގަންދެން މިފަދަ މުވައްޒަފުން ގޭގައި މަޑުުކުރުމަށް އަންގާފައި ވާކަަމަށެވެ.

އެމްޕީއެލްއިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ މުވައްޒަފުންވެސް މިގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެގޮތުން މާލެއާއި، ކުޅުދުއްފުށި އަދި ހިތަދޫ ޕޯޓުގައި މަސައްކަތްކުރާ ފަަރާތްތަކާއި، އަދި އެކުންފުނިން ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްދޭ މާލެ، އައްޑޫ، ފުވައްމުލައް އަދި ލ.އަތޮޅުގެ ސްޓާފުންނަށްވެސްވަނީ މި ލުއިތައްދީފައެވެ.