ޚަބަރު

މައްސަލަ ހުށައެޅުމާއި އަޑުއެހުންތައް ބޭއްވުމުގެ އުސޫލުތަކަށް ސިވިލްކޯޓުން ބަދަލު ގެނެސްފި


ސިވިލް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް މެއިލްގެ ޒަރީޢާއިން ހުށަހެޅޭ ގޮތަށް ހަމަޖައްސައި، ކޯޓުގައި ހިންގަންޖެހޭ މައްސަލަތަކުގެ ތެރެއިން އަޑުއެހުމެއް ބާއްވަންޖެހޭ ޝަރީޢަތްތައް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވައިފިއެވެ.

ކޯވިޑް 19 އާއި ގުޅިގެން ސިވިލްކޯޓުން މައްސަލަތައް ބެލުމުގަޔާއި މައްސަލަ ހުށައެޅުގެ އުސޫލަތަކަށް ބަދަލު ގެނެސްފައި ވަނީ މިއަދުން ފެށިގެންނެވެ. ސިވިލްކޯޓުން އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދެއްގައި ސިވިލް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހަޅާނީ މެއިލްގެ ޒަރީޢާއިންކަމަށެވެ.

ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުންގެ ޢަދަދު މަދުކުރުމުގެ ގޮތުން ކޯޓުގައި ހިންގަންޖެހޭ މައްސަލަތަކުގެ ތެރެއިން އަޑުއެހުމެއް ބާއްވަންޖެހޭ ޝަރީޢަތްތައް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެހެން އެމައްސަލައެއްގެ ޙަޞްމުން ކޯޓަށް ޙާޟިރުކޮށްގެން އެއަޑުއެހުމެއް ބާއްވަންޖެހިއްޖެނަމަ، އެއަޑުއެހުމެއް ބާއްވާނެގޮތް އެކަށައަޅާނީ އެމައްސަލައެއް ބައްލަވާ ޤާޟީއަކު އިސްޤާޟީ އާއި މަޝްވަރާކޮށް އެކަށައަޅާގޮތެއްގެ މަތިންކަމަށް ސިވިލްކޯޓުން ވިދާޅުއެވެ.

ގޭގައި ތިބެގެން މަސައްކަތްކުރަންޖެހޭ ޙާލަތްތަކުގައި، އެގޮތަށް ކުރެވެން ހުރި މަސައްކަތް ކުރެވޭނެ ގޮތުގެ އިންތިޒާމް ޤާޟީންނާއި އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނަށް ކޯޓުގެ ވަޞީލަތްތައް ހުރި މިންވަރެއްގެ މައްޗަށް ގޮތްތައް ހަމަޖައްސައި ދިނުމުގެ ކަންކަން އެކަށައެޅިގެންދާނެކަމަށްވެސް މިޔަބާނުގައި ވިދާޅުވެފައި ވެއެވެ.

ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައި ހިމެނޭގޮތުން ކޯޓު ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ހަވީރު 18:00 އަށެވެ. އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދެއްގައި ހުކުރު ހޮނިހިރު ދުވަސްތަކުގައި ކޯޓު ނުހުޅުވާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މިދުވަސްތަކުގައި އެބަޔަކު ކޯޓަށް ޙާޟިރުކޮށްގެން ރަޖިސްޓްރީ ކުރަންޖެހޭ އެއްބަސްވުންތަކާއި އެގްރީމެންޓް ރަޖިސްޓްރީކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދެވޭނީ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ކޯޓުގައި ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ އެގްރީމެންޓުތަކާއި ލިޔުންތަކުގެ ތެރެއިން މިވަގުތަށް ކޮންމެހެން ކުރަންޖެހޭ އެގްރީމެންޓުތަކާ ލިޔުންތައް އެކަނިކަމަށްވެސް ސިވިލްކޯޓުން ވިދާޅުވެއެވެ.

ކޯޓުން ފޮނުވަންޖެހޭ ޙާޟިރުވުމުގެ އަމުރުތައް ފޮނުވާނީ އެފަރާތްތަކުން ދީފައިވާ ނަންބަރަކަށް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް ނުވަތަ އެފަރާތަކުން ދޭ މެއިލް މެދުވެރިކޮށްކަމަށްވެސް މިބަޔާނުގައިވެއެވެ. އަދި އެކިއެކި ބޭނުންތަކަށް ކޯޓަށް ދައްކާ ފައިސާ ކޯޓުން ބަލައިގަންނަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝްކާޑުތަކުންކަމަށްވެސް އެކޯޓުން ވިދާޅުވެއެވެ.

ނުރަސްމީގަޑިއެއްގައި ކޯޓާ މުއާސަލާތުކުރަން ބޭނުންވާ ފަރާތްތަކުން ކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް މުއާސަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ސިވިލްކޯޓުން ވިދާޅުވެއެވެ.