ޚަބަރު

ކޯވިޑް 19: ލައިންސަންސް ދިނުން ހުއްޓާލާއި، އާއްމު ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް


ކޯވިޑް19އާއި ގުޅިގެން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މީގެ އިތުރުން ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އާއްމު ދަތުރުފަތުރުގެ ނިޒާމަށްދަނީ ބަދަލުތައް ގެންނަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައި ވަނީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 14ދުވަހަށް ޚިދުމަތްދިނުން ވަގުތީގޮތުން ހުއްޓާލާފައި ވާކަމަށެވެ. މި ނިންމުމަކީ މިހުން ބޭރުތެރެއަށް ނިކުތުން މަދުކުރުމާއި، މީހުން އެއްތަނަކަށް އެއްވެ އުޅުމުގެ ފުރުސަތު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށް މިނިސްޓްރީއިންވަނީ ބުނެފައެވެ.

މީގެއިތުރަށް މާލެއާއި އަތޮޅުތަކުގައި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ދެ ކުންފުނިކަމަށްވާ މޯލްޑިވްސްޓް ޕޯޓްސް ލިމިޓެޑާއި، އަދި އެމްޓީސީސީންވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ ކުންފުނިންތަކުންދޭ ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބައެއް ބަދަލު ގެނެސްފައެވެ.

އެގޮތުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމްޓީސީސީގެ އާއްމު ފެރީތަކުގައި ފަތުރުވެރިން ނުއުފުލުމަށް އެކުންފުނިންވަނީ ނިންމާފައެވެ.

އެމްޓީސީސީން މިގޮތަށް ނިންމާފައިވަނީ ފަތުރުވެރިން ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވަނިކޮށެވެ.
އެމްޓީސީސީން ބުނީ އެޗްޕީއޭގެ މި ނިންމުމާއެކު 14 މާޗުން ފެށިގެން އެމްޓީސީސީގެ އާންމު ފެރީތަކުގައި ފަތުރުވެރިން އުފުލުހުން ހުއްޓާލާފައި ވާކަމަށެވެ.

އެހެންނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓިކެޓް ނުވަތަ ޕާސްޕޯޓު ދެއްކުމުން އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނީ ވޯކް ޕާމިޓް ދެއްކުމުންކަމުގައިވސް ވެސް އެމްޓީސީސީން ބުނެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމްޕީއެލްއިންވެސް ވަނީ އެ ފަރާތުން ދެމުންއަންނަ ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އެ ކުންފުނިންވަނީ ބަހުގެ ޚިދުމަތް ހެންދުނު ފަށާ ގަޑި 06:00އަށް ލަސްކޮށް އަދި ބަހުގެ ޚިދުމަތް ރޭގަނޑު ނިންމާ ވަގުތު 01:00އަށް ބަދަލުކޮށްފައެވެ. މި ބަދަލަކީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ބާރުއެޅުމަށް ގެނައި ބަދަލެއްކަމަށް އެކުންފުނިން ބުނެއެވެ.

މީގެއިތުރަށް ކުރިން ޕީކް ގަޑިތަކުގައި 10މިނެޓުން ދެމުންއައި ބަހުގެ ޚިދުމަތް މިހާރުވަނީ 15މިނެޓަށް ބަދަލުކޮށްފައެވެ. އެމްޕީއެލްއިން ބުނީ މިގޮތަށް ބަދަލުގެނައީ ކޯވިޑް19އާއި ގުޅިގެން މިދުވަސްވަރަކީ ސްކޫލްތައްވެސް ބަންދުކޮށްފައިވާ ދުވަސްތަކަކަށް ވާތީކަމަށެވެ.

އަދި ކުރިން ހުސްވަގުތުތަކުގައި ހުޅުމާލެއާއި މާލެއާއި ދެމެދު ގިނަ އާއްމުންތަކެއް ދަތުރުކުރިނަމަވެސް، މިދުވަސްވަރަކީ މިގޮތަށް ދަތުރުތައް ކުރަން ރައްކާތެރިވަގުތަކަށް ނުވާތީ އެބަދަލު ގެނައީކަމަށެވެ.

އެޗްޕީއޭއިންދަނީ ކޮންމެހެން ބޭރަށް ނިކުންނަންޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރަމުންނެވެ.