ސިޔާސީ

ބިން މިލްކުކުރެވޭ އިޞްލާޙު ތަސްދީޤުކުރައްވައިފި


ބިޔަ އިންވެސްޓްމެންޓްތައް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކުކޮށްދެވޭ ގޮތަށް ޤާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގް ކުރެއްވި މި އިސްލާހުގައި ބުނެފައިވަނީ، އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުން ބިމެއް ދެވިދާނެކަމަށެވެ. ނަމަވެސް އެފަދަ ފަރާތަކަށް ބިމެއްގެ "މިލްކުވެރިކަމުގެ ހައްޤުތައް" ދިނުމަކީ އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލި، އެސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ނުބެލެވޭނެ ސަބަބެއް ނޫން ކަމަށް އެ އިސްލާހުގައިވެއެވެ. އަދި އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށްވެސް އެ އިސްލާހުގައިވެއެވެ.މީގެ އިތުރުން އެބިމެއް ދައުލަތަށް ނެގޭނެ ގޮތްވެސް މިބިލުގައި ހިމަނާފައިވެއެވެ.ޤާނޫނު އަސާސީއަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި އިސްލާހު އިއްޔެ މަޖިލީހުން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.